ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް އެމްޑަބްލިއުއެސްސީ އާއި ހަވާލުކުރުމުން ދައުލަތަށް 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) ފައިދާވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. ލަންދޫ ރައްޔިތުންނާއި މުޙާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ދައުލަތުން ބޮޑެތި ވައްކަމާއި ކަރަޕްޝަން ހިންގާފައިވާ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު އެމަނިކުފާން އިފްތިތާހުކޮށްދެއްވި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ހިދްމަތް ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވަނީ 42 މިލިއަން ޑޮލަރަށް ކަމަށެވެ.
ނަމަވެސް ސަރުކާރުން މިއަދު އެމްޑަބްލިއުއެސްސީ އާއި މަޝްރޫއު ހަވާލުކޮށްފައިވަނީ އެންމެ 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ)އަށް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ހުޅުމާލެ ކަރަންޓުގެ ކަންކަން ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވަނީ 87 މިލިއަން ޑޮލަރަށް ކަމަށާއި ނަމަވެސް އެމަސައްކަތް އޭގެ 50 މިލިއަން ޑޮލަރު ހެޔޮކޮށް ކުރުމަށް ސްޓެލްކޯއިން އަގުދީފައިވާ ކަމަށެވެ.
ކުރީގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ކަރަޕްޝަން އަމަލުތަކުގެ ތަފްސީލް ރައީސް ގެންދަވަނީ އެކި ހަފްލާތަކުގައި ވިދާޅުވެ ދެއްވަމުންނެވެ. ރައީސް ވިދާޅުވީ މިފަދަ ކަރަޕްޝަނާއި ހެދި އެތައް މިލިއަން ޑޮލަރުގެ ގެއްލުން ރައްޔިތުންނާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ވޯޓު ދެއްވާއިރު މިކަން ހައްލު ކުރުމަށް ސަރުކާެރު ކެންޑިޑޭޓުންނަށް ތާއިދުކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.