Last Updated: November 27, 13:36
Wednesday, November 27, 2024
ޚަބަރު

"ވަޒީރުކަން ދިނީ ރައީސް، ގާސިމެއް ނޫން"

މިސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ވަޑައިގެން ހުންނެވީ ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައި ވިޔަސް، އެއީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ފަރާތުން ލިބުނު މަގާމެއް ނޫން ކަމަށާއި، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި މަގާމެއް ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީއަށާއި ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަލީ ވަހީދު މިއަދު ފާޑުވިދާޅުވީ، ހިންނަވަރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ޖީހާން ޖަލީލްގެ ކެމްޕޭނު ޖަލްސާގައި ހިންނަވަރުގައެވެ.

އަލީ ވަހީދު ވިދާޅުވީ، އޭނާ އިނގިރޭސި ވިލާތުގައި ހުންނަވައި ރެފިއުޖީ ސްޓޭޓަސްގައި ދިރިއުޅުއްވަމުން ވެރިކަން ބަދަލުވުމުން ގާސިމް އިބްރާހިމް އަރިހުގައި، ދެން އެނބުރި ރާއްޖެ ދާން ބޭނުން ނުވާ ކަމަށާއި ބޭނުމީ އާއިލާއާ ދަރިންނާއެކު ވިލާތުގައި މަޑުކޮށްލުމަށް ކަމަށް ދެންނެވި ކަމަށެވެ.

ނަމަވެސް ގާސިމް، ވަޒީރުކަމަށް ލިސްޓު ފޮނުވާއިރު އެންމެ ފުރަތަމަ އަލީ ވަހީދުގެ ނަން ޖަހައި ފޮނުވާނެ ކަމަށާއި އެހާވެސް އަލީ ވަހީދު މުހިންމު ކަމަށް ވިދާޅުވި ކަމަށާއި، ކަން ނިމުނުއިރު ކަންވީ ގޮތުގައި ލިސްޓުގެ އެންމެ ފުލަށް ދިޔަ މީހަކީވެސް އޭނާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖެ ވަޑައިގެން ގާސިމް އިބްރާހިމާއި ބައްދަލުވުމުން މަނިކުފާނު އިތުރުފުޅު ހެއްދެވީ ކީއްވެތޯ ސުވާލު ކުރެއްވި ކަމަށާއި ނަމަވެސް ގާސިމްގެ ފަރާތުން ސީދާ ޖަވާބެއް ނުލިބި، އަދި ވަރަށް ގިނަ ވާހަކަތައް އެކަމާ ގުޅޭގޮތުން ދެއްކެވި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިއަދު ގާސިމް އިބްރާހިމާއި ޖުމުހޫރީ ޕާޓީއަށް ފާޑުވިދާޅުވާން ޖެހުނީ، ކުރީގެ ރައީސް ޔާމީނާއި ޕީޕިއެމްގެ އިސް ލީޑަރުންނާ އެއްބައި ވުމުން ކަމަށް އަލީ ވަހީދު ވިދާޅުވެފައިވާއިރު، ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާ އެކު ފޮޓޯ އެމަނިކުފާނު ނެންގެވުމުން ނުދައްކާން ހުރި ވަރަށް ގިނަ ވާހަކަ ދެއްކިއްޖެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ރައްޔިތުންނަށް އަނިޔާވެރިވި މީހުންނާއި ހަރާންކޯރު ވީ މީހުންނާއެކު އެއްބައިވެ ކޯލިޝަން ހަދައި އެމީހުނަށް ވޯޓު ދޭން ގޮވާލުމުން ރައްޔިތުން އެކަން ބަލައި ނުގަންނާނެ ކަމަށާއި އެހިސާބަށް ދިއުމުން ޖޭޕީގެ ސިޔާސަތު ވަރަށް ރަނގަޅަށް ހާމެ ވެފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ފައިސާ ގޯނި އުފުލީ ތިމަންނަ ކަމަށް ވިދާޅުވި މީހަކަށް ޖުމުހޫރީ ޕާޓީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވުމަށް ލީޑަރ ގޮވާލެއްވުމުން އެކަމަށްވެސް އަލީ ވަހީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނުރުހުން ފާޅުކޮށް، އެދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް ގޮވާލާފައެވެ.

މި ބައްދަލުވުމުގައި ޖުމުހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައި އަލީ ވަހީދު ވަނީ ރައީސް ސޯލިހުގެ ވެރިކަން ހެޔޮ ގޮތުގައި ތަންފީޒު ކުރުމަށް އެމަނިކުފާނަށް އެހީތެރިވާނެ އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ވެސް ގޮވާލާފައެވެ.

އަލީ ވަހީދުގެ ވާހަކަތަކުން ފަހަކަށް އައިސް ޖުމުހޫރީ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވި ނަމަވެސް ސީދާ ގާސިމް އިބްރާހިމަށް ފާޑު ވިދާޅުވެފައެއް ނުވެއެވެ. އޭނާ ވަނީ ޖުމުހޫރީ ޕާޓީން ކަނޑާލިޔަސް މައްސަލައެއް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.

އަލީ ވަހީދުގެ އިތުރުން ޖުމުހޫރީ ޕާޓީން ވަޑައިގަތް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި ޖޭޕީ ކައުންސިލް މެމްބަރ އަދި ގާސިމް އިބްރާހިމްގެ އަނބިކަނބަލުން މިނިސްޓަރު އާއިޝަތު ނަހުލާވެސް ވަނީ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭނުގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައެވެ.