ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި އިންފްލުއެންޒާ ވައިރަސް ފެތުރިދާނެ ކަމަށް ލަފާ ކުރެވޭތީ އިންފްލުއެންޒާ ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އިލްތިމާސުކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ ދެ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލައި މިއަހަރުވެސް މިމަހު އިންފްލުއެންޒާ ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން ރޯނގާ ފެތުރުމުގެ ކުރިން ހުރިހާ ރައްޔިތުން ވެސް ވެކްސިން ޖަހައި ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން ގޮވާލާފައިވެއެވެ.
އިންފްލުއެންޒާގެ ސަބަބުން މާބަނޑު މީހުނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން އަދި އުމުރުން ދުވަސްވީ މީހުންނާއި އުމުރުން ހަ މަހާއި ހަ އަހަރު ދުވަހުގެ ކުޑަ ކުދިންނާއި ކެންސަރަށް ފަރުވާ ހޯދާ މީހުން އަދި ޑައިލިސިސް ހަދަމުން އަންނަ މީހުންނަށް އަސަރު ކުރާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
އެހެންކަމުން މިކަމަށް ޚާއްސަ ސަމާލު ކަމެއްދީ، ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައިވެއެވެ. އިންފްލުއެންޒާ ވެކްސިން މިވަގުތު ލިބެން ހުރީ މާލޭ އޭޑީކޭ އަދި އެސްޓީއޯ ފާމަސީ އިންނެވެ.