ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓުން ޖުމުހޫރީ ޕާޓީގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައި އުފައްދާފައިވާ އެމްއާރުއެމުން މަޖިލިސް އިންތިޚާބުގައި ޖޭޕީ ކެންޑިޑޭޓުންނަށް ތާޢީދު ކުރާ ކަމަށް ވިދާޅުވެ މިއަދު ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ނަމަވެސް ޕާޓީގެ އިސް އޮފިޝަލަކު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ޖޭޕީ ލީޑަރ ގާސިމް އިބްރާހިމަށް އެފަދަ މައުލޫމާތެއް އެމްއާރްއެމުން ދީފައި ނުވާނެ ކަމަށާއި އެ ދިން ފަރާތެއް އެމަނިކުފާނަށް އެރުވީ ދޮގު މައުލޫމާތެއް ކަމަށް ވެސް އެމްއާރުއެމުން ބުނެފައިވެއެވެ.
މައުމޫންގެ ތާއީދާއެކު ގިނަ ކެންޑިޑޭޓުންނެއް މަޖިލިސް އިންތިޚާބުގައި ވާދަކުރާއިރު އެމަނިކުފާނު ވަނީ އެޕާޓީ އަދި އެމަނިކުފާނުގެ ތާއީދު އޮތީ ހަމައެކަނި އެ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެފައެވެ. ރައީސް މައުމޫންގެ ތާއީދާއެކު އެއްވެސް ޕާޓީއަކުން އެއްވެސް ކެންޑިޑޭޓެއް ވާދައެއް ނުކުރެއެވެ.