ދެވަނަ ހާފުގައި ކުޅެން ނިކުތް އިޓަލީގެ ޒުވާން ކުޅުންތެރިޔާ މޮއިސޭ ކީން ކާމިޔާބުކުރި ލަނޑާއެކު އޭސީ މިލާން ބަލިކޮށް ޔުވެންޓަސް އިން ލީގު ކާމިޔާބުކުރުމާއި ގާތަށް ޖެހިލައިފިއެވެ. މި މެޗުން ޔުވެންޓަސް މޮޅުވީ 2-1 އިންނެވެ.
މި ނަތީޖާއާއެކު ޔުވެންޓަސް އަށް މިހާތަނަށް ކުޅުނު 31 މެޗުން 84 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ނަޕޯލީ އަށް 30 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. ލީގުގައި މާދަމާ ރޭ ނަޕޯލީ ކުޅޭ މެޗުން ޖެނޯއާ އަތުން އެ ޓީމު ބަލިވެއްޖެނަމަ ޔުވެންޓަސް އަށް ލީގު ކަށަވަރުވެގެންދާނެއެވެ. މި މެޗުން ބަލިވި އޭސީ މިލާން އޮތީ 52 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ވާދަވެރި އިންޓަ މިލާން އޮތީ ތިންވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.
އަނިޔާގެ ސަބަބުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ލީގުގައި ޔުވެންޓަސް ކުޅުނު ހަތަރުވަނަ މެޗަށް އެ ޓީމުން ނިކުތީ ގިނަ ބަދަލުތަކާއެކުގައެވެ. އެގޮތުން، ލީގުގައި އެންމެފަހުން ކަލިއާރީ އަތުން 2-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ކޯޗު މަސިމިލިއާނޯ އަލެގްރީ ވަނީ ފަސް ބަދަލެއް ގެނެސްފައެވެ.
ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑްނެގީ މިލާނުންނެވެ. ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް މިލަނޑުޖަހައިދިނީ ޕޮލެންޑްގެ އުއްމީދީ ފޯވާޑް ކްރިސްޓޯފް ޕިއޮންޓެކް އެވެ. މި ހާފު ނިމުނީ 1-0 އިން މިލާން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގައި ޔުވެންޓަސް އިން ކުޅުން ރަނގަޅުކުރިއެވެ. އޭގެ ނަތީޖާއެއްގެގޮތުން، 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕައޮލޯ ޑިބާލާ އެއްވަރުކޮށްދިންއިރު ޔުވެންޓަސް މޮޅުވި ލަނޑު، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އުމުރުން 19 އަހަރުގެ ކީން އެވެ. ޔުވެންޓަސް އެންމެފަހުން ކަލިއާރީ އަތުން 2-0 އިން މޮޅުވި މެޗުގައި ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރުމުން ކީން އަށް އިދިކޮޅު ޓީމުގެ ސަޕޯޓަރުން ނަސްލީގޮތުން ދިމާކޮށްފައިވާއިރު މިއީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ކީން އެންމެފަހުން ކުޅުނު ފަސް މެޗުގައި ޖެހި ފަސްވަނަ ގޯލެވެ.
ޔުވެންޓަސް އަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އަންނަ ބުދަ ދުވަހުގެ ރޭ ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. އަޔެކްސްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 00:00 ގައެވެ.