Last Updated: November 30, 06:26
Saturday, November 30, 2024
ޚަބަރު

ފާރިސް ކަޓައި، ޢައްސާން މަޖްލިސްއަށް!

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް މައުމޫންގެ ދެ ދަރިކަލުންގެ ތެރެއިން ދޮށީ ދަރިކަލުން ފާރިސް މައުމޫން ނާކާމިޔާބު ވެވަޑައިގެންނެވި އިރު ހަގު ދަރިކަލުން ޢައްސާން މައުމޫން މަޖްލިސް ގޮޑި ކަށަވަރު ކުރައްވައިފިއެވެ.

މިހާރު ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރައްވަމުން އަންނަ ފާރިސް މައުމޫން މި އިންތިހާބުގައި ބައްޕާފުޅު މައުމޫން ގެ ތާއިދާއި އެކު ނިކުންނެވީ މައްޗަންގޯޅި އުތުރު ދާއިރާއަށެވެ. އެދާއިރާއިން ފާރިސް ނާކާމިޔާބުވެވަޑައިގެންނެވީ އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު ރަޝީދު (ބޯދިގު) އާއި ވާދަކުރައްވައިގެންނެވެ.

އައްސާން މައުމޫން މަޖްލިސްއަށް ނިކުންނެވީ ބޮޑު ބޭބެ ޔާމީންގެ ތާއިދާއި އެކު ގުރައިދޫ ދާއިރާއަށެވެ. އައްސާން ގޮޑި ކާމިޔާބު ކުރެއްވީ މިހާރު އެދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ ހުސެއިން މަނިކު ދޮންމަނިކު އާއި ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.

ފާރިސް އަކީ ނިމެމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރުމަށް ޕާޓީތައްް އެއްތަންކޮށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ބޮޑު ބޭބެ ޔާމީންގެ ވެރިކަމަށް ލޮޅުން އަރުވާލީ ފާރިސް އިސްވެ ހުންނަވައިގެންނެވެ. އެހާ ހިސާބުން ރިޝްވަތުގެ ތުހުމަތުކޮށް ނުހައްގުން އެތައް ދުވަހަކު ޖަލުގައި އޮންނެވިއެވެ. އޭރު ކޮއްކޯފުޅު އައްސާން ހުންނެވީ ބޮޑު ބޭބެ ޔާމީން އާއި އެކު ހަނުއެވެ.