އިއްޔެ ބޭއްވުނު 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސިޔާސީ ގޮތުން މާޒީގައި އެކި ރޮނގުތަކެއް ފުރުއްވި ބޭފުޅުން ވާދަކުރެއްވިއެވެ. ލިސްޓުގެ ކުރި ހޯއްދެވީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަމަވެސް ކުރީގެ ނައިބު ރައީސަކާއި ގިނަ ވަޒީރުން އަދި ކައުންސިލަރުން މިފަހަރުގެ މަޖިލީހަށް ވާދަކޮށްފައިވާއިރު ގިނަ ބޭފުޅުން ދިޔައީ ޗޮކުންނެވެ. ރައީސް ޔާމީންގެ ކެބިނެޓުގައި ނުފޫޒުގަދަ ވަޒީރުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންނަށް އެދެވޭ ގޮތެއްގައި ވާދައެއްވެސް ނުކުރެވުނެވެ.
ވިލިމާލެ ދާއިރާއަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާދަކުރައްވައި ކުރިމަތިވީ ބޮޑު ނާކާމިޔާބީއަކާއެވެ. މިދާއިރާގެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރި އުޝާމް ކާމިޔާބުކުރީ 90 ވަރަކަށް ވޯޓުން ކުރީގައި އޮވެގެންނެވެ. ދެވަނަ ހޯދި އެމްޑީޕީގެ ޔާމިން އަހުމަދަށް 700 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވާއިރު ޑރ. ޖަމީލަށް ލިބިވަޑައިގެންނެވީ އެންމެ 300 އެއްހާ ވޯޓެވެ.
ވަޒީރުންގެ ތެރެއިން ގޮނޑިތައް ކާމިޔާބު ކުރެއްވީ މާވަށު ދާއިރާއިން ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި ދަނގެތީ ދާއިރާއަށް ވާދަކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމެވެ.
އެގޮތުން ހެންވޭރު އުތުރަށް ވާދަކުރެއްވި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއަށް މުޅި ދާއިރާއިން ލިބިވަޑައިގެންނެވީ އެންމެ 136 ވޯޓެވެ. އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް މުއިއްޒު ކާމިޔާބުކުރެއްވި މިރޭހުގައި ޝައިނީ ލައްވާލީ ހަތަރު ވަނައިގައެވެ.
ކުރީގެ ހޯމް މިނިސްޓަރ އަޒުލީން އަހުމަދު، ހުޅުމާލެ ދާއިރާއަށް ވާދަކުރެއްވި އިރު މިދާއިރާގެ ގޮނޑި ވަރަށް ފަސޭހަކަމާއެކު ކާމިޔާބުކުރީ އެމްޑީޕީގެ އިންތިޚާބުތަކާ ބެހޭ ކޮމިޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒްއެވެ. ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީވެސް ވާދަކުރި މިދާއިރާގައި ދެވަނައަށް ދިިޔައީ ފޮނަދޫ ދާއިރާ އިން ފެއިލްވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރި، އިބްރާހިމް ފައިސަލްއެވެ.
އަލީ ނިޔާ ހުޅުމާލެ ދާއިރާއިން 859 ވޯޓު ހޯދައިގެން ގޮނޑި ކާމިޔާބުކުރިއިރު އަޒްލީނަށް ލިބިވަޑައިގެންނެވީ 222 ވޯޓާއެކު ތިންވަނައެވެ. ޓީވީ މުއާ އަށް ލިބިވަޑައިގެންނެވީ 25 ވޯޓާއެކު ފަހަތުން ދެވަނަ މަގާމެވެ.
މީގެ އިތުރުން މުހައްމަދު ނާޒިމް، ހިންނަވަރު ދާއިރާއަށް ވާދަކުރައްވާފައިވާއިރު ޖޭޕީ ޓިކެޓުގައި ހެންވޭރު ދެކުނަށް ވާދަކޮށް ކުރީގެ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްވެސް ވަނީ ފޭލް ވެފައެވެ.