އައްޑޫގެ ހަތް މަޖްލިސް ގޮޑި އެމްޑީޕީއަށް ދިނީ އައްޑޫ ތަރައްޤީ ކުރުމަށްކަމަށް އައްޑޫގެ މޭޔާރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި މަޖްލިސް އިންތިހާބުގައި އައްޑޫން ހަތް ގޮޑި އެމްޑީޕީ ކެންޑިޑޭޓުންނަށް ދިނީ އައްޑޫ ތަރައްޤީ ކުރުމަށްކަމަށާއި އެ މެމްބަރުން އައްޑޫގެ ތަރައްޤީއަށް މަސައްކަތް ކުރައްނެ ޔަގީން ކަމަށެވެ.
ސޯބެ ވިދާޅުވީ މި ސަރުކާރުން މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައިވެސް ތަރައްޤީގެ ގިނަ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ސަބަބާއި ހެދިވެސް ރައްޔިތުންގެ އުއްމީދު އާވެފައިވާ ކަމަށެވެ.
މަޖްލިސް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީން ފެށީ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެކު އައްޑޫންނެވެ. އައްޑޫގައި ބޭއްވި ފުރަތަމަ ކެމްޕެއިން ޖަލްސާގައި ރައިސް ސޯލިހު ވަނީ އައްޑޫގެ ތަރައްޤީއަށް 5.3 ބިލިއަން ރުފިޔާ ހަރަދު ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
ސޯބެ ވިދާޅުވީ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ކުރައްވާނެ މަސައްކަތް ތަކުގެ ތެރެއިން ހުޅުމީދޫގައި 2.2 ކިލޯ މީޓަރު މަގު ތާރުއަޅައިގެން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އައްޑޫގެ ތަރައްޤީއަށް ރައްޔިތުން ކުރަމުންދާ ފޮނި އިންތިޒާރާއި އެކު ފާއިތުވި ދުވަސްތަކުގައި މުޅި ކައުންސިލްގެ ހަތް ގޮޑި ރައްޔިތުން ވަނީ އެމްޑީޕީއަށް ދީފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް 70 ޕަސެންޓު ވޯޓު ވަނީ ދީފައެވެ.