ދެކުނު ކޮރެއާގެ އެންމެ މަގްބޫލް ކޭ-ޕޮޕް އަންހެން ގްރޫޕުކަމަށްވާ "ބްލެކްޕިންކް" ގެ އެންމެފަހުގެ ވީޑިއޯ ލަވަ "ކިލް ދިސް ލަވް" ޕޯސްޓުކުރިތާ 24 ގަޑިއިރުގެތެރޭގައި ޔޫޓިއުބްގައި ބެލިމީހުންގެ އަދަދު 56.7 މިލިއަނަށް އަރައިފިއެވެ.
މި ވީޑިއޯ ލަވަ ނެރުނުތާ ތިން ދުވަސް ނުވަނީސް ބެލިމީހުންގެ އަދަދު 100 މިލިއަނަށް އަރައިފައިވާއިރު މި ލަވަ ވެފައިވަނީ މިހާތަނަށް އެންމެ އަވަހަށް ޔޫޓިއުބްގައި މިއަދަދު ހަމަކުރި މިއުޒިކް ވީޑިއޯއަށެވެ. އެއާއެކު، "ބްލެކްޕިންކް" ގެ "ކިލް ދިސް ލަވް" ވަނީ، މީގެކުރީން 24 ގަޑިއިރުގެތެރޭގައި 55.4 މިލިއަން ވިއުސް ހަމަކުރި އަރިއާނާ ގްރަންޑޭގެ "ތޭންކް ޔޫ، ނެކްސްޓް" ހެދި ރެކޯޑް މުގުރާލައިފައެވެ.
ދެކުނު ކޮރެއާގެ ކުންފުނި ވައިޖީ އެންޓަރޓެއިންމެންޓުން 2016 ވަނަ އަހަރު، ހަތަރު މެމްބަރުންނާއެކު ވުޖޫދަށް ގެނައި އަންހެން ކޭ-ޕޮޕް ގްރޫޕް "ބްލެކްޕިންކް" އަކީ މިހާރު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަ މިއުޒިކް ގްރޫޕެކެވެ. މި ގްރޫޕުގައި ހިމެނޭ ހަތަރު މެމްބަރުންނަކީ ޖިސޫ، ރޮޒޭ، ލީސާ އަދި ޖެނީ އެވެ.
މީގެއިތުރުން، މިއީ "ބްލެކްޕިންކް" ގެ ވީޑިއޯ ލަވައެއް އެއްވަނަ މަގާމް ހޯދި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން، މި އަހަރުގެ ކުރީކޮޅު އެ ގުރޫޕުގެ ކުރީގެ އަލްބަމްގެ ލީޑް ލަވަ "ޑުޑު ޑު" ވަނީ 700 މިލިއަން ވިއުސްއާއެކު ޔޫޓިއުބްގައި މިހާތަނަށް އެންމެގިނަ ބަޔަކު ބެލި ކޭ-ޕޮޕް ގްރޫޕުގެ މަގާމްވެސް ހޯދައިފައެވެ. އެހެންނަމަވެސް، މިހާތަނަށްއައިއިރު އެންމެގިނަ ބަޔަކު ބަލާފައިވާ ދެކުނު ކޮރެއާގެ އާޓިސްޓެއްގެ މިއުޒިކް ވީޑިއޯއަކީ 3 ބިލިއަނަށްވުރެ ގިނަ ވިއުސްއާއެކު ރެޕާ ސައިގެ "ގަންނަމް ސްޓައިލް" އެވެ. "ބްލެކްޕިންކް" އިން މިހާރު ތައްޔާރުވަމުންދަނީ މި މަހުގެ ތެރޭގައި ކޯޗެލާ މިއުޒިކް އެންޑް އާޓްސް ފެސްޓިވަލްގައި ޕާފޯމްކުރުމަށެވެ. އެއަށްފަހު ދެން އޮތީ އުތުރު އެމެރިކާ އަށް ކުރުމަށް ހަމަޖެހިފައިވާ ޓުއާއެވެ.
"ކިލް ދިސް ލަވް" އިން މިހާތަނަށް އައިއިރު ހޯދައިފައިވާ ކާމިޔާބީތަކުން ދޭހަކޮށްދޭ އެއްކަމަކީ، ޔޫޓިއުބްއިން މިއުޒިކް އިންޑަސްޓްރީގައި ކުރިއެރުންތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތެވެ. އެގޮތުން، "ބްލެކްޕިންކް" ގެ އެންމެފަހުގެ ވީޑިއޯ ލަވަ ވަނީ މިހާތަނަށް ޔޫޓިއުބްގައި އެންމެގިނަ މީހުންބެލި 30 ވީޑިއޯތެރޭގައި ހިމެނިފައެވެ. މި ލިސްޓުގައި ހިމެނޭ ވީޑިއޯތަކަށް ބަލާއިރު، ދެ ވީޑިއޯ ފިޔަވައި ދެން ހުރީ މުޅިންވެސް މިއުޒިކް ވީޑިއޯއެވެ. އެގޮތުން، މީގެ އަހަރުތަކެއް ކުރިއަށްޖެހިލާނަމަ ޓެއިލާ ސްވިފްޓުގެ "ލުކް ވަޓް ޔޫ މޭޑް މީ ޑޫ" އިން 31 މިލިއަން ވިއުސްއާއެކު "ކިލް ދިސް ލަވް" އިން މި ހެދި ރެކޯޑް އޭރު މުގުރާލައިފައިވާއިރު، މިހާރު "ބްލެކްޕިންކް" ގެ މިއުޒިކް ވީޑިއޯތަކާއެކު އެ ގްރޫޕުގެ މަގްބޫލްކަން އިތުރުވެފައިވާއިރު ޔޫޓިއުބްގެ ވާދަވެރި ޓިކްޓޮކް އިން ކޭ-ޕޮޕް ޓެލެންޓް ހޯދުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުން މިދަނީ އެ ސަބަބާއިހުރެއެވެ.