އިންތިޚާބުގައި ވާދަކުރި ކޮންމެ ކެންޑިޑޭޓަކު ބޭނުން އިރަކު އަލުން ވޯޓު ގުނަން ފުރުސަތެއް ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި އެހެން ފަހަރުތަކާ ޚިލާފަށް ބާތިލް ވޯޓު ގިނަވުމާ ގުޅިގެން ނާކާމިޔާބުވި ވަރަށް ގިނަ ކެންޑިޑޭޓުން ވަނީ ބާތިލް ވޯޓު އަލުން ގުނުމަށް އެދިފައެވެ. މިހާތަނަށް ފަސް ދާއިރާއެއްގެ ފޮށީގެ ސެކިއުރިޓީ ސީލް ކެނޑުމަށް ފަހު ވޯޓު ގުނާފައިވާއިރު އެ ފަސް ދާއިރާއަށް އިންތިޚާބުވި ކެންޑިޑޭޓުންނަށް ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
އަދިވެސް އަލުން ވޯޓު ގުނުމަށް ބައެއް ކެންޑިޑޭޓުން އެދެމުންދާތީ އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ނަތީޖާއަށް ބަދަލެއް އަންނާނެ ވަރުގެ ކަމެއް ކެންޑިޑޭޓަކު ފާހަގަ ނުކުރަނީސް ވޯޓު އަލުން ނުގުނޭނެ ކަމަށެވެ. އަދި އެއީ ކުޅިވަރެއް ކަމަށް ހަދައިގެން ކެންޑިޑޭޓުން އެކަމަށް ނޭދުމަށް ވެސް އީސީން ވަނީ އަދިފައެވެ.
މަޖިލިސް އިންތިޚާބުގެ ގިނަ ގޮނޑި ކާމިޔާބުކޮށް 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންނެވެ. އެމްޑީޕީން އެކަނި 65 ގޮނޑި ނަގާފައިވާއިރު އިދިކޮޅުގައި ތިބި ޕްރޮގްރެސިވް ކޯލިޝަނަށް ނެގުނީ 8 ގޮނޑިއެވެ. ސަރުކާރުގައި އޮތް ނަމަވެސް އިދިކޮޅާ ގުޅިގެން އިންތިޚާބަށް ނިކުތް ޖުމުހޫރީ ޕާޓީއަށް ލިބުނީ ފަސް ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރި 7 ކެންޑިޑޭޓަކު ގޮނޑި ކަށަވަރުކުރި އިރު އެމްޑީއޭ އަށް ލިބުނީ އެންމެ ދެ ގޮނޑިއެވެ.
މިފަހަރުގެ އިންތިޚާބުގައި އަދާލަތު ޕާޓީއާއި ޑީއާރުޕީ އަދި އަލަށް އުފެއްދި ދެ ޕާޓީ، އެމްޓީޑީ އާއި ލޭބާ ޕާޓީއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ.