ހުޅުމީދޫގައި ގާއިމްކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް އައިސް ދޫކުރަން ފަށައިފިއެވެ.
ހުޅުމީދޫ މަސް ފެކްޓަރީން މަސްވެރިންނަށް އައިސް ދޫކުރަން ފަށާފައިވަނީ މިއަހަރު ކުރީކޮޅު ފިޝަރީޒް މިނިސްޓަރ އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫގެ މަސްވެރިންނާއި ބައްދަލު ކުރުމުން ހުށަހެޅި ކަންބޮޑުވުމާއި ގުޅިގެންނެވެ.
އައްޑޫގެ މަސްވެރިންނަށް އައިސް ހޯދުމުގައި ދަތިތަކެއް ހުރުމާއި ގުޅިގެން އެކަމުގެ ޝަކުވާ ވަނީ ފިޝަރީޒް މިނިސްޓަރ ޒަހާ އާއި މިފްކޯގެ އެމްޑީގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން މީގެ ކުރިން ހިތަދޫގައި ހުންނަ އައިސް ޕްލާންޓަށް އައިސް ހޯދުމަށް ދާން ޖެހުމުން އެކަމުގެ ދަތިތަކުގެ ޝަކުވާ ވަނީ މިނިސްޓަރގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި ވީހާވެސް އަވަސް ގޮތެއްގައި ހުޅުމީދޫން އައިސް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް މިނިސްޓަރަށް މަސްވެރިންގެ ފަރާތުން ވަނީ އެދިފައެވެ.
ހުޅުމީދޫގައި ސަރުކާރުން ގާއިމްކޮށްފައިވާ މަސް ފެކްޓަރީން ދުވާލަކު 100 ޓަނުގެ އައިސް އުފައްދައެވެ.