ޖެހިޖެހިގެން ތިން އިންތިޚާބުން ޕީޕީއެމްއަށް ބޮޑު ނާކާމިޔާބީއެއް ލިބި ޕާޓީގެ ލީޑަޝިޕާއި އާންމު މެމްބަރުންވެސް މޯޅިވެފައިވާ މިދަނޑިވަޅުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ދަމަހައްޓަން ޕީއެންސީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މަސައްކަތް ފައްޓަވައިފިއެވެ.
އަބްދުއްރަހީމް ވެސް ވަނީ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންނެކޭ އެއްފަދައިން ނިމިގެންދިޔަ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންފައެވެ. ލިބުނު ތިންވަނަ ބައްޔާއެކު ފާއިތުވެދިޔަ 15 ވަރަކަށް އަހަރު ސިޔާސީ ދާއިރާގައި އަދުރޭއާއެކު މަސައްކަތް ކުރެއްވި ޕީޕީއެމްގެ މިހާރުގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސެއިންމަނިކު ވަނީ ސިޔާސީ ދާއިރާއިން ފަނޑުވެފައެވެ.
އަދުރޭވެސް ވަނީ ނިހާންގެ ކުރިން، ސިޔާސީ ދާއިރާއިން ވަކިވެލީކަން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް އަންގަވާފައެވެ. ނަމަވެސް ދެ ދުވަސް ފަހުން އަދުރޭ ވަނީ އަނެއްކާވެސް އިދިކޮޅު ކޯލިޝަން ވައިބާ ގްރޫޕުތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ޚަބަރު ލިބޭ ގޮތުގައި އަދުރޭ ވަނީ ޕީޕީއެމްގެ މޯޅިވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ފައްޓަވައި ޕާޓީ ހަރުދަނާ ކުރުމަށާއި އަލުން ވަރުގަދަ ކުރުމަށް ޚިޔާލުވެސް ހުށައަޅަން ފައްޓަވާފައެވެ. ނަމަވެސް އަދުރޭގެ މަސައްކަތަށް ލިބެނީ ކޮން ކަހަލަ ތަރުހީބެއް ކަމެއް އޭނާ ހާމައެއް ނުކުރެއެވެ. އަދި ޕާޓީގެ ބޭފުޅަކުވެސް އަދި އެމައުލޫމާތު ހިއްސާ ކުރާކަށް ބޭނުމެއް ނުވިއެވެ.
ނިހާން އިއްޔެ ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމުގެ ކުރިން ވަނީ ޕީޕީއެމްގެ ލީޑަޝިޕްގެ އިސްތިއުފާ އަށް ގޮވާފައެވެ. ނިހާން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި ރިޔާސީ އިންތިޚާބު އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބުން މިހާބޮޑު ނާކާމިޔާބީއެއް ލިބުމުން އެއިން ދޭހަވަނީ ލީޑަޝިޕްގެ ނާގާބިލު ކަން ކަމަށާއި އެބޭފުޅުން އިސްތިއުފާ ދެއްވުމަށް ފަހު އާ، ޒުވާން ލީޑަޝިޕަކަށް ފުރުސަތު ދެއްވުމަށް ޕާޓީ މިވަގުތު ޖެހޭ ކަމަށެވެ.
ނިހާން އާއި އަދުރޭގެ އިތުރުން ޕީޕީއެމް ލީޑަޝިޕުން ފެއިލްވި މެމްބަރުންގެ ތެރޭގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް، ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު، ވެސް ހިމެނެއެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މަޖިލީހަށް ނިކުމެ ކާމިޔާބު ކުރެވުނީ އެންމެ 8 ގޮނޑިއެވެ.