ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އައްޑޫގައި ކުރުމަށް ނިންމި އެންމެ ބޮޑު މަޝްރޫއުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެ.
ހިތަދޫ ސްޓޭޓު ހައުސް ކުރިމަތީ ދިދަ ދަނޑި ޖެހުމަށް މި ސަރުކާރުންވީ ވައުދު ފުއްދުމަށް ހަވާލުކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލާއިއެވެ. ކައުންސިލުން ވަނީ ޕަބްލިކް ވޯކްސް އާއި ހަވާލުކޮށްގެން ދިދަ ދަނޑި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
ސްޓޭޓު ސްކުއެއާގެ ބޮޑު ދިދަ ޖެހުމުގައި ޕަބްލިކް ވޯކްސް މުވައްޒަފުން ކޮންމެ ދުވަހަކު 18 ގަޑިއިރު ވަނީ މަސައްކަތްކޮށްފައެވެ. އަދި މިކަމަށް ދައުލަތުން ވަނީ ބޮޑު ހޭދައެއްކޮށްފައެވެ.
2011 ނޮވެމްބަރު 11 ވަނަ ދުވަހު ބޭއްވި ޖުމްހުރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނެގި ފަހުން އެއްފަހަރު ދިދަ ބަދަލު ކުރުމަށް ފަހު ދިދަ ދަނޑީގެ ބޭނުމެއް ކޮށްފައި ނުވެއެވެ. ސްރީލަންކާގެ ޑިވެލޮޕް އިންޓަ ޕްލޭން އިން ސަޕްލައި ކުރި 78.6 ފޫޓްގެ ދިދަ މިދިދަ ދަނޑި ގެނައުމާއި ޖެހުމަށް 1،183،099.50 ރުފިޔާ (އެއްމިލިއަން އެއްލައްކަ އަށްޑިހަ ތިން ހާސް ނުނަދިހަ ނުވަ ރުފިޔާ ފަންސާސް ލާރި) ވަނީ ޑިވެލޮޕް އިންޓަ ޕްލޭންއަށް ދީފަ އެވެ. އެކަން ވަނީ ސާކް ސަމިޓުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައެވެ.
ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީ ސްޓޭޓް ސްކުއާ ބެލެހެއްޓުމަށް އެންމެ ފުރަތަމަ ހަވާލު ކުރީ ހިތަދޫ ޕޯޓް އާއި އެވެ. އެގޮތުން ހިތަދޫ ޕޯޓް އާއި ސްޓެޓް ސްކުއާ ބަލަހައްޓަން ހަވާލު ކުރީ ބަނދަރުގައި ބޮޑު ކެރޭނެއް އޮވެފައި އެތަނުގެ ބެލުމުގެ ދަށުގައި އޮތުމުން ދިދަ ބަދަލު ކުރުމާއި ކަން ކަން ފަސޭހަ ވާނެތީ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ދިދަ އެރުވުން އެމްއެންޑީއެފް އާއި ހަވާލު ކުރި އިރު ދިދަ ގެންނަން ހަވާލު ކުރީ ހިތަދޫ ޕޯޓް އާ އެވެ.
ސްޓޭޓް ސްކުއާގައި ޖަހާފައިވާ ބޮޑު ދިދަ ދަނޑި ހުހައް ހުއްޓާ ނަގާފައިވަނީ ރައީސް ޔާމީން ސަރުކާރުގައި އޭރުގެ އެމްއާރުޑީސީ މުވައްޒަފުން މެދުވެރިކޮށް ހައުސިން މިނިސްޓްރީންނެވެ. އަދި ދިދަ ދަނޑި ނެގީ އެ ދަނޑި ބޮލަށް ވެއްޓިދާނެކަމަށް ބުނެއެވެ.
ރައިސް ސޯލިހުގެ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ވަނީ އިއްލާން ކޮށްފައެވެ. އެގޮތުން އައްޑޫގެ ތަރައްޤީއަށް 5.3 ބިލިއަން ރުފިޔާ މި ސަރުކާރުން ހަދަރު ކުރެއްވުމަށް ނިންމަވާފައިވާކަން ރައީސް ސޯލިހު ވަނީ އިއްލާން ކުރައްވާފައެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ރައީސް ހާމަ ނުކުރައްވައެވެ.