Last Updated: November 29, 20:04
Friday, November 29, 2024
ޚަބަރު

އައްޑޫން ކިރިޔާވެސް ސިޔާސީ ލީޑަރަކު ބޯހިއްލާލިއަސް ކަތިލާނެ: މަރޭ

އައްޑޫން ކިރިޔާވެސް ސިޔާސީ ލީޑަރަކު ބޯހިއްލާލިއަސް އެމީހަކު ކަތިލުމުގެ މަސައްކަތް ފަށާނެކަމަށާއި އެގޮތުން މިހާރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަތިލުމުގެ ސިލްސިލާ ފެށިފައިވާކަމަށް އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްްޖެއެވެ.

މަރޭ މިފަދައިން ވިދާޅުވެފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މުހައްމަދު އަސްލަމްއަށް ސޯޝަލް މީޑިއާގައި އަމާޒުވަމުންދާ އަސްލެއް ނެތް ތުހުމަތު ތަކާއި ގުޅިގެންނެވެ. އެމްޑީޕީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަސްލަމްއަށް ތާއިދު ކުރާކަން ހާމަ ކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އަސްލަމްގެ އަބުރު ކަތިލުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އަސްލަމްގެ އަނބިކަބަލުންނާއި އާއިލީ ގުޅުން އޮންނަ ނިއުޕޯޓުގެ ވިޔަފާރި އާއި އަސްލަމް އާއި ގުޅުވައިގެން ސަރުކާރުގެ ތެރޭގައި ފިލާތިބެގެން ބަޔަކު ދަނީ ކެމްޕެއިން ކުރަމުންނެވެ. ނިއުޕޯޓު ހިންގާ ބިން ސަރުކާރަށް ނަގަން ނިންމުމުން އެކަން ހުއްޓުވުމަށް އަސްލަމް އުޅުއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ދަނީ ދޮގު ވާހަކަތައް ފަތުރަމުންނެވެ.

މަރޭ ވިދާޅުވީ އައްޑޫން ސިޔާސީ ގޮތުން ކުރިއަށްދާން ކިރިޔާވެސް މީހަކު ބޯހިއްލާލާއިރަށް އެމީހަކު ކަތިލުމުގެ ސިލްސިލާއަކީ މީގެ 50 އަހަރުކުރިން ފެށިގެން ރޭވިގެން ކުރެވެމުން އަންނަ ކަމެއް ކަމަށެވެ. އަދި މިފަހަރު މަޖްލިސްގެ ރައީސް ކަމަށް އަސްލަމްވަރުގެ މީހަކު ނެތް ކަމަށް މަރޭ ބުންޏެވެ.

އަސްލަމް އާއި ނިއުޕޯޓު ގުޅުވައިގެން ދެކެވެމުންދާ ވާހަކަތައް އަސްލަމްވަނީ ދޮގު ކުރައްވާފައެވެ.

އަސްލަމްއަކީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދަންނަ ސިޔާސީ ލީޑަރެކެވެ. 2004 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ މެމްބަރުކަމަށް އިންތިހާބުވި އަސްލަމްއަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބުވި މަޖްލިސް މެމްބަރެވެ. އައްޑޫގެ މެމްްބަރުކަން ކުރެއްވުމަށްފަހު އާ ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވުނު ތިން މަޖްލިސް އިންތިހާބުގައިވެސް ވާދަކޮށް އަސްލަމް ވަނީ ގޮޑި ކާމިޔާބު ކުރައްވާފައެވެ.

މިވަގުތު މަޖްލިސްގައި ތިއްބެވި އެންމެ ތަޖުރިބާކާރު މަދު މެމްބަރުންގެ ތެރެެއިން އަސްލަމަކީ ގިނަ ބައެއްގެ ނަޒަރުގައި މަޖްލިސްގެ ރައީސް ކަމަށް އެންމެ ގާބިލް ފަރާތެވެ. އެކަމަށްޓަކައި އެތައް ބަޔަކު އަސްލަމްއަށް ތާއިދު ކުރާއިރު މަދު ބަޔަކު ދަނީ އަޑީގައި ފިލާތިބެ އަސްލަމްގެ ނަފްސު ކަތިލުމަށް މަސައްކަތް ކުރަމުންނެވެ.