ވިޔަފާރި އުސޫލުން އަންނަ ރޯދަމަހު މެންދުރުފަހު ތިނަކުން ރޭގަނޑު ނުވައަކަށް މުދާ އުފުލުން މަނާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، ހަވީރު 3:00 ރޭގަނޑު 9:00 ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ވިޔަފާރީގެ ގޮތުން އެއްގަމު އުޅަނދެއްގައި ގަނޑުކޮށް ނުއުފުލޭނެ ކަމަށެވެ.
ނަމަވެސް، ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް އަދި ރޭގަނޑު 9:00 އިން ހެނދުނު 6:00 އާ ދެމެދު މުދާ އުފުލޭނެއެވެ.
މީގެ އިތުރުން މުދާ އުފުލުން ހުއްދަ ކުރާ އެއްގަމު އުޅަނދެއްގައި ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް ފެނާއި ކައްކާ ގޭސް ގެންދާނަމަ، ގެންދެވޭނީ 350 ކިލޯގްރާމަށް ވުރެ ލުއިކޮށް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެއެވެ.
ރޯދަމަހު ސިނަމާލެ ބްރިޖްމަތީގައި އެއްވެސް ބާވަތެއްގެ ހެވީ ވެހިކަލެއް އެއްވެސް ގަޑިއެއްގައި ދުއްވުމަކީ މަނާކަމަކަށް ކަނޑައަޅާ ފައިވާއިރު ބުރިޖު ހުރަސްކޮށް މުދާ ގެންދާ ފަރާތްތަކަށް މުދާ ގެންދެވޭނީ، ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށާއި ދަންވަރު 1:00 އިން ހެނދުނު 6:00 އަށެވެ.
އަދި މި ވަގުތުތަކުގައިވެސް އުޅަނދުތަކަށް ބުރިޖަށް އެރޭނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް ޓްރާންސްޕޯޓް ވަނީ މިނިސްޓްރީން ބުނެފައެވެ.
ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ސައި ހޮޓާ، ރެސްޓޯރެންޓް އަދި ކެންޓީން ފަދަ ތަންތަނުން ކެއުންބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނީ މެންދަމު 3:00 އާ ހަމައަށެވެ. އަދި އިމްޕޯޓް މުދާ ވިއްކާ ތަންތަން ބަންދު ކުރަން ޖެހޭ ގަޑިއަކީ މެންދަމު 12:00 ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ރޯދަމަސް ފެށެން 20 ވަރަކަށް ދުވަހަށް ވަނީ ވެފައެވެ.