ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮކަންމަތީގައި ދިރިއުޅުމަށް މިހާރު ހުރި ގޮންޖެހުންތައް ނައްތާލައި، ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރުން ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ ޑެންޓަލް ކެއާ ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ސިއްހީ ދާއިރާގެ އިތުރު ހިދުމަތްތައް ފަށާ، މިހާރު ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ސަރުކާރުން ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން ސިއްހީ ދާއިރާއަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށާއި އަދި އެގޮތުން ރާއްޖޭގެ އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތެއް ތަފާތު ކުރުމެއް ނެތި މުޅި ރާއްޖެ އަށް ސިއްހީ ހިދުމަތްތައް ފުޅާ ކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން ދާކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.