އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް އުދަ އަރައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫ، ހިތަދޫގެ އިތުރުން ހުޅުދޫއަށް ވެސް ވަނީ އުދަ އަރާފައެވެ.
މިއަދު އައްޑޫ ސިޓީގެ ރަށްތަކަށް ހެނދުނުގެ ވަގުތުގައި އުޑުމަތި ބަނަކޮށް ދެއްކި ކަމުގައި ވިޔަސް މިހާރު ވަނީ އަވިދީފައެވެ. އެހެން ނަމަވެސް މި ސަރަހައްދުގެ ކަނޑު ވަރަށް ގަދައެވެ.
އާދަޔާއި ޚިލާފަށް ހުޅުދޫއަށް އުދައަރަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނައިރު ސޯޝަލް މީޑިއާގެ ފޭސްބުކްގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު އެ ރަށުގެ ބަނދަރުގެ ތޮށިގަނޑުން މައްޗަށް ލޮނު ވަނީ އަރާފައެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ މި ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ. އަދި ދެކުނުގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް ބުނެފައެވެ.