Last Updated: November 27, 20:03
Wednesday, November 27, 2024
ޚަބަރު

އޭޑީބީ އާ އެކު ކައުންސިލުން މަޝްވަރާކޮށްފި

އޭޑީބީގެ ޓީމާ އެކު އިއްޔެ ބޭއްވި ބައްދަލުވުން. ފޮޓޯ/ ކައުންސިލް އިދާރާ

އައްޑޫގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމާ ބެހޭ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ އެކު އައްޑޫ ސިޓީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.

ކައުންސިލް އިދާރާގައި އިއްޔެ އޮތް ބައްދަލުވުމެއްގައި އޭޑީބީގެ ކޮންސަލްޓެންޓުންތަކެއްގެ އިތުރުން އެންވަޔަރަަމަންޓް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލުންތަކެއް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމާ ބެހޭ ގޮތުން ކައުންސިލްގެ އެންވަޔަރަމަންޓް ޑިޕާޓްމަންޓާ ހަވާލުވެ ވަޑައިގެން ހުންނަވާ ހުސައިން ފަހުމީ ވިދާޅުވީ އިއްޔެ ބޭއްވި ބައްދަލުވުމަކީ އޭޑީބީން ކުރިއަށް ގެންދާ "ދަ ޕްރޮޖެކްޓް އޮން ސްކޭލިން އަޕް އޮފް ރެނެވަބަލް އެނާޖީ ޕްރޮގްރާމް އިން ލޯ އިންކަމް ކަންޓްރީސް" ފެ ދަށުން ބޭއްވު ބައްދަލުވުމެއް ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެެއްގައި ވާހަކަ ދެެކެވުނީ އައްޑޫގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދަން ފަށާ އިރު، ފުރަތަމަ ކައުންސިލްގެ ދަށުގައި ހުރި ތަންތަނުގެ ކަރަންޓް އިޔާދަ ކުރަނި ހަކަތަ އަށް ބަދަލު ކުރަން ކަމަށެވެ. އޭގެ ތެރޭގައި ސޯލާ ޕެނެލް ހަރުކޮށްގެން ކަރަންޓް ދެވިދާނެ ތަންތަނާ ގުޅޭ ގޮތުން ވާހަކަ ދެެކެވުނު ކަމަށް ފަހުމީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އައްޑުއަކީ ކާބަން ނިއުޓްރަލް "ގްރީން ސިޓީ" އަކަށް ހަދަން ކައުންސިލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

"އެހެންވެ އޭޑީބީގެ ޓީމާ އެކު ބައްދަލުވުމާ ބެހޭ ގޮތުން ވަރަށް ފުޅާކޮށް ވާހަކަ ދެކެވުނު. އަަޅުގަނޑުމެން އުންމީދު ކުރަނީ މާ ލަސްތަކެއް ނުވެ އޭޑީބީން މިކަމާ ގުޅޭ ގޮތުން ގޮތެެއް ނިންމާނެ ކަމަށް،" ފަހުމީ ވިދާޅުވި އެވެ. "ކުރިއަށް އޮތް ތަނުގައި ވެސް އޭޑީބީ އާ އެކު މިފަދަ މީޓިންތައް ކުރިއަށް ދާނެ. މިއީ އޭގެ ފުރަތަމަ ބައްދަލުވުން."

އައްޑޫ ކާބަން ނިއުޓްރަލް ސިޓިއަކަށް ހެދުމުގެ ވިސްނުން ކައުންސިލުން ގެންގުޅެމުން އަންނަ އިރު، މި އަހަރު ނިމުގެ ކުރިން އައްޑޫގެ ރަށްރަށުގެ މަގު ބައްތި ސޯލާ އިން ދިއްލޭނެ ގޮތެއް ހަމަޖެެއްސުމަށް މިދިޔަ އަހަރު ތައިލެންޑްގެ ކުންފުންޏަކާ އެކު ވާހަކަ ދައްކާފައިވެ އެވެ. އަދި ކުރީގެ ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން ވެސް އައްޑޫގައި ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފެށި އެވެ.

އެހެން ނަމަވެސް އެކަން މިހާރު ވަނީ ހުއްޓިފަ އެވެ.