ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހެޅީ 47 ބޭފުޅުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މަޖިލިސް އިންތިހާބުގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 27 ވަނަ ދުވަހުގެ 00:00 ކަމަށާއި އަދި މިހާތަނަށް މާލީ ބަޔާން ހުށަހެޅީ 47 ބޭފުޅުން ކަމަށެވެ. މަޖިލިސް އިންތިހާބުގައި 386 ބޭފުޅުން ވާދަކުރެއްވިއެވެ.
ކަނޑައަޅާފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނޭޅުމަކީ ޖޫރިމާނާއެއް ނުވަތަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިިސްދާނެ ފަދަ ކަމެއް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
Inthihaabugai vaadhakurehvi 386 candidatunves maalee bayaan husha alhuvvan jehivadainnavaane, sungadiyakee 27 April, honihiru dhuvahuge rey 00:00, adhi bayaan husha elhuvvee 47 candidates, avaskurahvaa noonee joorimanaa nuvatha 2 aharu dhuvahuge jalu hukumeh kurimsthivedhaane.
— Ahmed Akram (@akram4535) April 25, 2019
އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި ތާޢީދު ހޯދުމަށްޓަކައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
އަދި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާދިން ފަރާތާއި ފައިސާ ދިން މިންވަރުވެސް މި ރިޕޯޓުގައި ކެންޑިޑޭޓު ހިމަނަންޖެހޭނެ ކަމަށްވެސް އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވަނީ ހުށަހަޅާ މާލީ ބަޔާން ނުވަތަ ރިޕޯޓަކީ ސައްޙަ އެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅާ މަޢުލޫމާތުގެ ފައިސާގެ ރަސީދުތައްވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ.