ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ 241 ބޭފުޅުން އެބަ ތިއްބެވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މާލީ ބަޔާން ހުށަހެޅުމުގެ ވަގުތު ހަމަވާން 9 ގަޑިއިރަށް ވެފައިވާއިރު މާލީ ބަޔާން ހުށަނާޅާ 241 ބޭފުޅުން އެބަ ތިއްބެވި ކަމަށާއި ލަސްނުކޮށް ވީހާވެސް އަވަހަކަށް މާލީ ބަޔާން ހުށަހެޅުމަށް އެދޭ ކަމަށެވެ.
އަދި މާލީ ބަޔާން ހުށަނާޅާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާއަކަށް ފޮނުވާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. ކަނޑައަޅާފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނޭޅުމަކީ ޖޫރިމާނާއެއް ނުވަތަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިިސްދާނެ ފަދަ ކުށެކެވެ.
Maalee bayaan husha elhumuge vaguthu hamavaan ehme 9 gadi irah vee, adhives bayaan husha naalhuvvaa 241 candidates eba thibbevi, lasnukoh avahah husha alhuvvaa, vaguthaai hamayah husha naalhuvvaa faraaithakah fiyavalhu elhumah kamaabehey muassasaa ah fonuvaanan.
— Ahmed Akram (@akram4535) April 27, 2019
އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި ތާޢީދު ހޯދުމަށްޓަކައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
އަދި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާދިން ފަރާތާއި ފައިސާ ދިން މިންވަރުވެސް މި ރިޕޯޓުގައި ކެންޑިޑޭޓު ހިމަނަންޖެހޭނެ ކަމަށްވެސް އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވަނީ ހުށަހަޅާ މާލީ ބަޔާން ނުވަތަ ރިޕޯޓަކީ ސައްޙަ އެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅާ މަޢުލޫމާތުގެ ފައިސާގެ ރަސީދުތައްވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ.