އައިއެސްއާއިބެހޭ ގޮތުން ޝެއިޚް މުހައްމަދު އަނީލް ދެއްކެވި ވާހަކަތަކުން ސިޔާސީ މަންފާ އެއްވެސް ފަރާތަކުން ނުނެންގެވުމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.
ޝެއިޚް އަނީލް މިހެން ވިދާޅުވެފައިވަނީ ހޮނިހިރުދުވަހުގެ ރޭ އެބޭފުޅާގެ އޮފިޝަލް ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
#IS aai beheygothun alhugandu dhekki vaahaka thakaai gulhigen evves bayaku, evaahaka thakun siyaasee manfaa negumah masakkaiy nukurumah dhannavan. Raajjeyge salaamathee baaruthakah adhi Raees @ibusolih ge sarukaarah ithubaaru kuran.@ShimranAb @alixahir @AhmedZahirAli
— Aneel 🇲🇻 (@aneelmv) April 27, 2019
"އައިއެސްއާއިބެހޭ ގޮތުން އަޅުގަނޑު ދެއްކި ވާހަކަތަކާއި ގުޅިގެން އެއްވެސް ބަޔަކު، އެވާހަކަތަކުން ސިޔާސީ މަންފާ ނެގުމަށް މަސައްކަތް ނުކުރުމަށް ދަންނަވަން. ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އިތުބާރު ކުރަން." ޝެއިޚް އަނީލް ވިދާޅުވިއެވެ.
އައިއެސްއާއިބެހޭ ގޮތުން ބުރާސްފަތި ދުވަހު ޝެއިޚް އަނީލް ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވެފައިވަނީ އައިއެސް ޖަމާޢަތަށް ބައިޢަތުހިފާފައިވާ މީހުންގެ ކަންތަކަށް ޙިކުމަތްތެރި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި އަދި އެ އަވާގައި ޖެހިފައިތިބި ޒުވާނުންނަށް ހައްޤުބަސް އިއްވައިދޭންޖެހޭ ކަމަށެވެ. އައިއެސް އަކީ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެނެސްދެއްވި އިސްލާމްދީނާއި ޚިލާފު ބިދުޢަވެރި ޚަވާރިޖުންގެ ބައިގަނޑެއް ކަމަށް ވެސް އެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
އަދި އެ ދުވަހު އެބޭފުޅާ ކުރެއްވި ދެވަނަ ޓްވީޓްގައި ވިދާޅުވެފައިވަނީ އައިއެސް ޖަމާޢަތުގެ އަވާމެންދުރުގައިޖެހި، ފާޅުގައި އެ ފިކުރު ފަތުރަމުންދާ މީހުންނަށް އަވަސް، ޙިކުމަތްތެރި ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، ސްރީލަންކާގައި ހިނގާދިޔަފަދަ ހިތާމަވެރި ހާދިސާއެއް ހިނގާދިޔުމަކީ ދުރުކަމެއް ނޫން ކަމަށެވެ.