ހިނގަމުން މިދާ އެޕްރިލް މަހުގެ 6 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށައަޅާފައި ނުވާ ކެންޑިޑޭޓުންނާ ދެކޮޅަށް ދައުވާ ކުރަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ.
ޖުމުލަ 386 ކެންޑިޑޭޓުން އިންތިޚާބީ 87 ދާއިރާއަށް ވާދަކޮށްފައިވާއިރު މިހާތަނަށް ގާނޫނާ އެއްގޮތަށް 347 ކެންޑިޑޭޓުން ވަނީ މާލީ ބަޔާން ހުށައަޅާފައެވެ. އޭގެ ތެރޭގައި އިންތިޚާބުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދި އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިހަފްތާ ތެރޭ މައްސަލަ ހުށައަޅާނެ ކަމަށެވެ.
އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނާގޮތުން އިންތިހާބު ބާއްވާތާ، 21 ދުވަސް ތެރޭ ކެންޑިޑޭޓުން، ކެމްޕޭނަށް ހޭދަކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. މިދިޔަ ހޮނިހިރު ދުވަހު އެ މުއްދަތު ވަނީ ހަމަވެފައެވެ.
މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ ތެރޭގައި 31 ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން އިންތިޚާބަށް ވާދަކުރި ކެންޑިޑޭޓުންނެވެ. އަދާލަތާއި ޕީއެންސީގެ ކެންޑިޑޭޓަކު ވެސް މާލީ ބަޔާން ހުށައަޅާފައިނުވާއިރު އެމްޓީޑީގެ ދެ ކެންޑިޑޭޓޫންނާއި ލޭބާ ޕާޓީގެ ދެ ކެންޑިޑޭޓުން ވެސް މި ލިސްޓުގައި ހިމެނެއެވެ.