ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ކޭމްޕް ނޯ ގައި ލިވަޕޫލްއާ ދެކޮޅަށް ބާސެލޯނާ ނިކުންނައިރު ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނޯއާ މެދު ސަމާލުވާންޖެހޭކަމަށް އެ ކްލަބުގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފިއެވެ.
"ފިރްމީނޯ އަކީ ބްރެޒިލްގެ ގައުމީ ޓީމުގައި ލިބުނު މަދު ފުރުޞަތުތަކުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެއް."
"އޭނާއާމެދު ބާސެލޯނާ އިން ސަމާލުވާންޖެހޭ. އެއީ ކިތަންމެ ކުޑަ ސިކުންތުކޮޅެއްގެތެރޭގައިވެސް ނަތީޖާ ބަދަލުކުރެވޭ ފަދަ ކުޅުންތެރިއެއް."
"ފިރްމީނޯ އަބަދުވެސް މަސައްކަތްކުރަނީ ގޯލެއް ކާމިޔާބުކުރުމަށް، އެހެންވީމާ ބާސެލޯނާ އިން އެކަން ވަރަށް ރަނގަޅަށް ދަނެގެން ތިބެންޖެހޭނީ." ރިވާލްޑޯ ބުންޏެވެ.
ފިރްމީނޯ އަށް މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުން މިފަހަރު ތަކުރާރުކުރެވިފައިނުވީނަމަވެސް ލިވަޕޫލުން ޕްރިމިއާ ލީގު އަދި ޗެމްޕިއަންސް ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އޭނާގެ ހިއްސާ ބޮޑެވެ. އެގޮތުން، އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ހަތަރު ގޯލް ކާމިޔާބުކޮށް ލީގުގައި 12 ލަނޑުޖަހާފައެވެ.
ރިވާލްޑޯ ބުނިގޮތުގައި ބާސެލޯނާ އިން ހަމައެކަނި ފިރްމީނޯ އަށް ސަމާލުވެގެން ފަރުޖެއްސެން ނެތްކަމަށެވެ. ބާސެލޯނާގެ ޑިފެންސަށް ނުރައްކާ ކުރާނެ އެތައް ކުޅުންތެރިންނެއް ލިވަޕޫލްގައި ތިބިކަމަށް އޭނާ ފާހަގަކުރިއެވެ.
"އެ ޓީމުން ނުރައްކާކުރާނީ މިވެނި ކުޅުންތެރިއެކޭ ބުނާކަށް ނޭނގޭނެ. ލިވަޕޫލްގެ ހުރިހާ ކުޅުންތެރިންނަށްވެސް ސަމާލުވާންޖެހޭނެ." ރިވާލްޑޯ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބާސެލޯނާއާ ލިވަޕޫލް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.