ކައުންސިލްތަށް ވަރުގަދަކޮށް ބާރުވެރި ކުރުވަން ޖެހޭ ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި ކޮންމެ ރަށު ކައުންސިލަކަށް ފަޅު ރަށެއް ހަމަޖައްސައި ދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހއ. ހޯރަފުށީ އެމްޑީޕީގެ "މެނިފެސްޓޯ އޮޑި" އިފްތިތާޙް ކުރުމަށް އިއްޔެ ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމަށް، ކައުންސިލްތަކަށް ބާރުދީ ވަރުގަދަ ކުރަން ޖެހޭ ކަމަށާއި އެ ކައުންސިލްތަކަށް ޢާމްދަނީ ލިބޭނެ ގޮތް ހަމަޖައްސައި ދޭން ވެސް ޖެހޭނެ ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ވެރިކަމެއްގައި ކޮންމެ ރަށު ކައުންސިލަކަށް ޢާމްދަނީ ހޯދުމަށް ފަޅު ރަށެއް ހަމަޖައްސަވައި ދެއްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެ ފަޅު ރައްރަށަކީ އެ ކައުންސިލްއެއް އެ ރަށެއްގެ ތަރައްޤީއަށްޓަކައި ބޭނުން ކުރެވޭނެ ރަށެއް ކަމުގައި އެމްޑީޕީއިން ހަދައި ދެއްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ "އަޅުގަނޑުމެން މިއަދު ނުކުމެ މިތިބީ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގެ ރަށްތަކަށް ބާރުވެރިކަން ފޯރުކޮށް ދިނުމަށް" ކަމަށެވެ.
"އެ ބާރުވެރިކަން ފޯރުކޮށް ދެވޭނީ ކައުންސިލްތަކަށް ޢާމްދަނީ އިތުރުކޮށްގެން، ކައުންސިލްތައް ބާރުވެރިކަން ފޯރުކޮށް ދެވޭނީ އެ ކައުންސިލްތަކަށް އެއްޗެއް ދީގެން،" ނަޝީދު ވިދާޅުވި އެވެ. "މި ގޮތުން ކޮންމެ ރަށަކަށް ފަސް މިލިއަން ރުފީޔާ ޢާމްދަނީގެ ގޮތުގައި ހޯދައި ދިނުމަށް މަސައްކަތް ކުރާނަން."