މީލާދީ އަހަރެއް ނިމި އާ އަހަރަކަށް މުޅި ދުނިޔެ ކުރިމަތިލި އިރު ފާއިތުވި އަހަރު ކުރެވުނީ ކޮންކަމެއްތޯ، ލިބުނީ ކޮން ކުރިއެރުމެއްތޯ ބަލާލަން ޖެހެ އެވެ.
ފާއިތުވި އަހަރަކީ އައްޑޫގެ ތާރީހުގައި ފާހަގަ ކޮށްލަންޖެހޭ އަހަރެކެވެ. މުޅި ރާއްޖެއަށް ކުރިމަތިވި ބޮޑު މުސީބާތުގައި އެންމެ ބޮޑު އަސަރެއް ކުރީ އައްޑޫއަށެވެ.
ފެބްރުއަރީ 7 ވަނަ ދުވަހު ހެނދުނު އިރުއެރުމާއި އެކު ފެނިގެން ދިޔައީ އޭރުގެ ރައީސް މުޙައްމަދު ނަޝީދު "މަޖުބޫރު" ކުރުވައިގެން ވެރިކަން ދޫކޮށްލިތަނެވެ. އަދި ރާއްޖެއަށް އެންމެ ފައިދާ ހުރީ އެމަނިކުފާނު ވެރިކަމުން ފޭބުމުން ކަމަށް ބުނެ ގެއަށްވަޑައިގަތެވެ. އެދުވަހަކީ މުޅި އަހަރުގައި އެންމެ ފާހަގަ ކޮށްލެވޭ އެއްދުވަހެވެ.
އެތައް ބަޔަކަށް ފުން އަސަރު ތަކެއް ކުރުވި، ބަޔަކަށް އުފާ ވެރި ހިނތުންވުމެއް ވެސް ލިބިގެން ދިޔަ ދުވަހެކެވެ.
ޖެހިގެން އައި ފެބްރުއަރީ 8 ވަނަ ދުވަހުގެ ހަވީރަކީ ފަހުގެ ތާރީޙެއްގައި މުޅި ރާއްޖެ ދުށް އެންމެ ހިތާމަވެރި އަދި އެންމެ ބޮޑު ގެއްލުމެއް ލިބުނު ދުވަހެވެ. ކުރީގެ ރައީސް މުހައްމަދު ނިޝީދު އިސްކޮށް އިންނަވައިގެން ދަރުބާރުގޭގައި ބޭއްވި ބައްދަލުވުން ބޮޑު މުޒާހަރާއަކަށް ބަދަލުވެ މާލޭގައި ފެށުނު އެއްވުން ހޫނުވެ އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަން ތަކާއި، ރަށް ރަށުގެ މެޖިސްޓްރޭޓް ކޯޓް ތައް ހުޅުޖަހައި ވަނީ އަންދާލާފައިއެވެ.
ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫގައި ބޭއްވި މުޒާހަރާ ގަމާއި ފޭދޫ ގުޅޭ ކޯޒްވޭ މަތިން ހޫނުވެ، އެތަނަށް އެއްވެފައިވާ މީހުން ތެރެއިން ބަޔަކު އައްޑޫސިޓީގެ ގަމުގެ ޕޮލިސް ސްޓޭޝަނާއި، އެތަނުގައިވާ ވެހިކަލްތައް އަންދާލާފައެވެ. އަދި އެ ހަމަނުޖެހުމުގެ ތެރެއިން ފޭދޫ، މަރަދޫ، ހުޅުދޫ، ހިތަދޫގެ ކޯޓު ތަކާއި، ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސެންޓަރާއި، ޕޮލިސް އެކަމޮޑޭޝަން އަންދާ 100 މިލިއަން ރުފިޔާގެ ގެއްލުން ދީފައިއެވެ.
ފެބްރުއަރީ 8 ގައި އައްޑޫއަށް ލިބުނު ގެއްލުމަކީ ދުވަހަކުވެސް އައްޑޫގެ ރައްޔިތުން ހަނދާނުން ފުހެވިގެންދާނެ ދުވަހެއް ނޫނެވެ. ޢާއްމުންގެ އެތައް ބަޔެއްގެ ލޯމަތިން ހުޅުގަނޑު ފެނުނު އިރު އެ އަމަލު ހިންގި މީހުން ކަމަށް "ތުހުމަތު" ކުރެވިފައިވަނީ އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުންނާއި، މެދު ދާއިރާގެ މަޖިލިސް މެމްބަރުގެ މައްޗަށެވެ.
އައްޑޫގެ ބޮޑު ހުޅުގަނޑާއި ގުޅިގެން 40 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު އަދިވެސް އެމައްސަލަ ތައް ވަނީ ދައުވާ ކުރުމަށް ނުފޮނުވިއެވެ.
ކޮންމެ ގޮތަކުން ބެލިއަސް ފާއިތުވި 2012 ވަނަ އަހަރަކީ އައްޑޫއަށް ގެއްލުންދެނިވި އަހަރެވެ.