Last Updated: November 27, 06:09
Wednesday, November 27, 2024
ދުނިޔެ

"ބޭގަމް ބަންގާޅަށް އައިސްފިނަމަ ދެވޭނީ މަރުގެ އަދަބު"

އިނގިރޭސިވިލާތް ދޫކޮށް، 2015 ވަނަ އަހަރު ހަނގުރާމަވެރި ޖަމާއަތް، އިސްލާމިކް ސްޓޭޓް(އައިއެސް) އާ ގުޅުނު ޝަމީމާ ބޭގަމް ބަންގްލަދޭޝްއަށް އައިސްފިނަމަ މަރުގެ އަދަބު ދެވޭނެ ކަމަށް ބަންގާޅު ޚާރިޖީ ވަޒީރު އަބްދުލް މައުމޫން ވިދާޅުވެއްޖެއެވެ.

އަބްދުލް މައުމޫން ބީބީސީއަށް މައުލޫމާތު ދެމުން ވިދާޅުވީ ބަންގަލަދޭޝުން ބޭގަމްއަށް އެއްވެސް ހިމާޔަތެއް ނުދެވޭނެ ކަމަށާއި އެގައުމުގައި ބޭގަމް ފަދަ ބަޔަކަށް ޖާގައެއް ނެތް ކަމަށެވެ.

ބޭގަމްގެ އިނގިރޭސި ރަށްވެހިކަން ފެބްރުއަރީ މަހު އިނގިރޭސިވިލާތުން ބާތިލުކޮށްފައިވާއިރު އައިއެސް ދޫކޮށް އޭނާ ވަނީ އޭނާގެ ތުއްތު ދަރިފުޅާއެކު އަނބުރާ ގައުމަށް އައުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އިނގިރޭސިން ވަނީ ބޭގަމް އަދި އޭނާގެ ދަރިފުޅުވެސް ގައުމަށް ގެނައުމަށް ދެކޮޅު ހަދާފައެވެ.

އެހެންކަމުން ބޭގަމް މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ މަންމަ ބަންގާޅު ރައްޔިތަކަށް ވީތީ، ބަންގާޅަށް ހިޖުރަ ކުރެވޭތޯއެވެ. ބަންގަލަދޭޝުން ވަނީ އެއްވެސް ހާލަތެއްގައި ޝަމީމާ ބޭގަމް ބަންގާޅަށް ނޭރުވޭނެ ކަން ހާމަކޮށްފައެވެ. "އޭނާއަކީ އިނގިރޭސި ރައްޔިތެއް. އޭނާގެ މައިންބަފައިންނަކީ ވެސް އިނގިރޭސި ރަށްވެހިން، އޭނާގެ މައްސަލައަކީ އިނގިރޭސިންގެ މައްސަލައެއް، އަހަރުމެންނާ ބެހޭ މައްސަލައެއް ނޫން،" މައުމޫން ވިދާޅުވެފައިވެއެވެ.

އައިއެސްއާ ގުޅެން ދިޔަ އެތައް ގައުމުތަކެއްގެ ރައްޔިތުން މިހާރު އެނބުރި ގައުމަށް ނުދެވިގެން މަސައްކަތް ކުރަމުން އެބަ ގެންދެއެވެ. ސީރިޔާގައި އައިއެސްގެ ބާރު ކަނޑުވާލާފައިވާއިރު ހަނގުރާމައަށް ދިޔަ ގިނަ ބަޔަކު ވަނީ ރެފިއުޖީ ކޭމްޕުތަކުގައި ހާލުގައި ޖެހިފައެވެ.

ނަމަވެސް ހަނގުރާމައެއްގައި ބައިވެރިވެ އުޅުމުގެ ސަބަބުން އެއްވެސް ގައުމަކުން އެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް ބޭނުމެއް ނުވެއެވެ.