ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރެއް ނެތްތާ ހަތަރުމަސް ފަހުން، އަލަށް ގެންނަ ކަށީގެ ޑޮކްޓަރު މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޝާހު ސައީދު ވިދާޅުވެއްޖެއެވެ.
ޝާހު ވިދާޅުވީ ހިތަދޫ ހޮސްޕިޓަލަށް އަލަށް ގެންނަ ކަށީގެ ޑޮކްޓަރަކީ މިސްރުގެ ޑޮކްޓަރެއް ކަމަށެވެ.
ޝާހު ވިދާޅުވީ ހޮސްޕިޓަލްގައި ޑޮކްޓަރެއް ނެތިގެން، ކަށީގެ ބަލިތަކަށް ފަރުވާ ދިނުމުގައި ދަތިތައް ދިމާވަމުން އަންނާތީވެ، ވަގުތީ ގޮތުން އައިޖީއެމްއެޗް ހޮސްޕިޓަލުން ޑޮކްޓަރެއް ގެންނަން މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބުވާ ގޮތް އަދިވެސް ވެފައިނުވާ ކަމަށެވެ.
މީގެ އިތުރަށް ޝާހު ވިދާޅުވީ ޑޮކްޓަރު މިހާރު މާލެ އައިސްފައިވާ ކަމަށާއި، މަސައްކަތާއި ހަވާލުވުމުގެ ގޮތުން ނިންމަންޖެހޭ ކަންތައް ނިންމަމުން އަންނަ ކަމަށާއި އެގޮތުން މިހާރު ކުރަމުން އަންނަނީ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ މަސައްކަތް ނިންމުން ކަމަށެވެ.
"މަސައްކަތް ކުރައްވަނީ ވީހާވެސް އަވަހަށް ޑޮކްޓަރު ހިތަދޫ ހޮސްޕިޓަލަށް ގެނެސް، ސްކޭން ނެގުމުގެ ހިދްމަތް ދިނުމަށް" ޝާހު ވިދާޅުވިއެވެ.
އައްޑޫގެ ސިއްހީ ނިޒާމަށް އެދެވޭ ހެޔޮ ބޮޑު ބަދަލެއް ނައިސް، ސިއްހީ ނިޒާމް އެއްދުވަހުން އަނެއް ދުވަހަށް ދަށް ވަމުން އަންނަ ކަމަށް ބުނެ، އެ ސިޓީގެ ގިނަ ރައްޔިތުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އައްޑޫސިޓީ ލިންކް ރޯޑަކީ ނިސްބަތުން ގިނަ ނުރައްކާތެރި އެކްސިޑެންޓް ހިގަމުން އަންނަ މަގަކަށްވާއިރު، ރަނގަޅު ކަށީގެ ޑިޕާރޓްމަންޓެއްގެ ހިދްމަތާއި، އަވަސް ފަރުވާގެ ފެންވަރު ރަނގަޅު ނިޒާމެއް އޮންނަންޖެހޭ ކަމަށް ސިޓީގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ. އައްޑޫސިޓީ ހޮސްޕިޓަލްގައި އަދިވެސް ކަށީގެ އޮޕަރޭޝަންގެ ޚިދްމަތެއް ނުލިބެއެވެ.