ސ. ފޭދުން ފުރައިގެން މިއަދު ހަވީރު މީދު އަށް ދަތުރު ކުރި އެމްވީކޭ ދޯނިން ކަނޑަށް ފުއްމާލި އަންހެން ކުއްޖަކު ސަލާމަތްކޮށްފި އެވެ.
އޭނާ ކަނޑަށް ފުންމާލުމުން ސަލާމަތް ކުރީ އެ ވަގުތު ދޯނީގައި އިން ސިފައިންގެ މީހެކެވެ. ދޯނިން ކަނޑަށް ފުންމާލީ ހުޅުދޫ ޖަމްނާގޭ އުމުރުން 15 އަހަރުގެ ސަލްހާ ސަލާހު އެވެ.
އެ ދޯނިން މިއަދު ދަތުރު ކުރި މީހަކު މިރޭ ބުނީ ދޯނީގެ ފަހަތު ކޮޅުގައި ހުރެފައި ކުއްލިއަކަށް ސަލްހާ ކަނޑަށް ފުންމާލުމުން ދޯނީގެ އެތެރޭގައި ތިބި މީހުންނަށް އެކަން އެންގުމުން ދޯނީގައި ހުރި ސިފައިންގެ މީހެއް ކަމަށްވާ ހުޅުދޫ މުޝްތަރީގޭ މިރުސާނު ލައިފް ޖެކެޓަކާ އެކު ކަނޑަށް ފުންމާލައިގެން ސަލްހާ ސަލާމަތް ކުރީ ކަމަށެވެ.
ސަލްހާ ސަލާމަތް ކުރި މިރުސާނު "ވޮއިސް އޮފް މީދޫ" އާ ވާހަކަ ދައްކަމުން ބުނީ ދޯނީގެ ފަހަތުގައި ތިބި މީހުން ކުއްލިއަކަށް ކުއްޖަކު ކަނޑަށް ފުންމާލައިފިއޭ ބުނެ އަޑުގަދަކޮށް ގޮވަން ފެށުމުން އަހަރެން ފަހަތަށް ގޮސް ބަލާލި އިރު ދޯނިން ފުންމާލި ކުއްޖާ އަތްމައްޗަށް ނަގައިގެން ފެންނަން އޮތް ކަމަށެވެ.
އެހެންވެ އޭނާ ދެން ލައިފްޖެ ކެޓެއް ހިފައިގެން ދޯނިން ފުންމާލައިގެން ސަލްހާ ސަލާމަތް ކުރީ ކަމަށް މިރުސާނު ބުންޏެވެ.
"އެ ވަގުތު ދޯނި އަނބުރާލާފައި އައިސް އަހަރެމެން ދެ މީހުން ދޯންޏަށް ނެގީ. އަހަންނަ ހީވަނީ އެ ކުއްޖާ އަޑިއަށް ނުގޮސް އޮތީ ކޮންމެވެސް ވަރަކަށް ފަތަން އެނގޭތީހެން. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ވަނީ ލޮނު ބޮވިފައި،" މިރުސާނު ބުންޏެވެ. "ދެން އަހަރެމެން ދޯނީގައި އެ ކުއްޖާ އަށް ފަސްޓް އެއިޑް ދީގެން ބޮވިފައިވާ ލޮނު ކޮންމެވެސް ވަރަކަށް ލެއްވުނު. އަދި އރ ކުއްޖާ ދޯންޏަށް ނެގި އިރު ވަރަށް ބޮޑަށް އަކުނިވައަށް ދަމާފައިވާތީ ރަށާ ހަމައަށް އާދެވުނު އިރު ވެސް ވަރަށް ބޮޑަށް ތެޅި ފޮޅެމުން ގޮސްފައިވޭ."
އެމްވީކޭ ދޯނި މީދު އަށް އައުމުގެ ކުރީން ސިއްހީ މަރުކަޒަށާ ފުލުހުންނަށް އެކަން އަންގައިގެން ދޯނި މީދު އަށް ކައިރި ކުރި ވަގުތު އެމްބިއުލެންސާއި ފުލުހުން ބަނދަރުގައި ތިއްބެވެ. އަދި ވަގުތުން ސަލްފާ އެމްބިއުލެންސްގައި ސިއްހީ މަރުކަޒަށް ގެންގޮސް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ސިއްހީ މަރުކަޒުން ބުނީ ސަލްހާގެ ހާލު ގޯސް ނޫން ކަމަށާ އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.
އެހެން ނަމަވެސް ސަލްހާ ކަނޑަށް ފުންމާލީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ. ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މި ހާދިސާ ހިނގި އިރު ސަލްހާ އާއި އޭނާގެ މަންމަ އާ ދެމެދު ކޮންމެވެސް މައްސަލަތަކެއް ވަނީ ޖެހިފަ އެވެ.
އެކަމަކު އެއީ ކޮން ކަހަލަ މައްސަލައެއް ކަމެއް ނޭނގެ އެވެ.