ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ތިން ވޯޑު އޭސީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުންނެވި ހޮސްޕިޓަލްގެ ޑިރެކްޓަރ ޝާހު ސައީދު ވިދާޅުވީ ހޮސްޕިޓަލްގައި މިހާރު ހުރި 5 ވޯޑުގެ ތެރެއިން ތިން ވޯޑު އޭސީ ކުރުމުގެ މަސައްކަތް ކުރަމުން އަންްނަ ކަމަށެވެ. ޝާހު ވިދާޅުވީ މިވަގުތު އެސީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ކުޑަކުދިންގެ ވޯޑާއި، އަންހެނުންގެ ވޯޑު އަދި ފިރިހެނުންގެ ވޯޑު ކަމަށެވެ. އަދި މީގެ ކުރިން އޮޕަރޭޝަންކޮށްފައި ތިބޭ މީހުން ބައިތިއްބާ ވޯޑު އޭސީކޮށްފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ވޯޑުތައް ހޫނު ވުމުގެ މައްސަލައަކީ އެތައް ފަހަރެއްގެ މަތިން އެތައް ބަޔަކު ޝަކުވާކޮށްފައިވާ މައްސަލައެކެވެ. އެކަމަށް ހައްލެއް ނުލިބި ދިގުލައިގެންދާތީ ދާދި ފަހުން ބަޔަކު ވަނީ ހޮސްޕިޓަލް ސަރަހައްދަށް އެއްވެ އިހްތިޖާޖުކޮށްފައެވެ.
ޝާހު ވިދާޅުވީ ހޮސްޕިޓަލްގެ ވޯޑުތައް އޭސީ ކުރުމުގެ މަސައްކަތް ހޮސްޕިޓަލުން ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި މިކަމަކީ ބަޔަކު އިހްތިޖާޖު ކުރުމުން ކުރާ ކަމެއް ނޫންކަމަށް ޝާހު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ހޮސްޕިޓަލަށް ބޭނުންވާ އިތުރު 16 އޭސީއެއް ހޯދުމަށް ސިޓީ ކައުންސިލަށް ވަނީ އެދިފައެވެ. އެނގިފައިވާ ގޮތުގައި ކައުންސިލަށް ހޮސްޕިޓަލުން އެދިފައިވަނީ ކޮންވެންޝަން ސެންޓަރު އިމާރާތުން ނަގާފައިވާ އޭސީ ތަކުގެ ތެރެއިން 16 އޭސީ ހޯދުމަށެވެ. އޭގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ގިނަ ކަންކަން ފުރިހަމަ ނުވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ބައެއް ޑޮކްޓަރުން ނެތުމާއި ވަސީލަތް ނެތުމުގެ އިތުރުން ހޮސްޕިޓަލްގެ މުވައްޒަފުން މަދު ވުމާއި ތަނުގެ ސެކިއުރިޓީ މައްސަލަތަކާއި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.