ފޯރިގަދަ އިނގިރޭސި ޕްރިމިއާ ލީގު ޖެހިޖެހިގެން ދެވަނަ ފަހަރަށް މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.
ސިޓީއަށް ތަށި ޔަގީން ކުރެވުނީ ލީގުގެ ފަހު މެޗުގައި މިރޭ، ބްރައިޓަންއާ ބައްދަލުކުރި މެޗު 1-4 އިން ކާމިޔާބުކޮށް، 98 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. ފަހުގެ ތާރީޚެއްގައި ވެސް މިހާ ފޯރިގަދަ ލީގެއް ފެނިގެން ގޮސްފައިވާނުވާއިރު ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 97 ޕޮއިންޓެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހާފައިވަނީ ބްރައިޓަންގެ މަރޭއެވެ. ނަމަވެސް ސިޓީގެ އަގުއޭރޯ ވަނީ އެ ގޯލަށް މިނެޓެއްވެސް ނުވަނީސް އެއްވަރުކޮށްދީފައެވެ. މެޗުގައި ސިޓީ ޓީމުން ލީޑު ނެގީ 38 ވަނަ މިނެޓުގައި ލަޕޯޓް ބޮލުން ކާމިޔާބު ކުރި ގޯލަކުންނެވެ.
ސިޓީގެ ފަހު ދެ ލަނޑަކީ ރިޔާދު މަހްރޭޒް އަދި އިކޭ ގުންޑޯގަން ކާމިޔާބުކުރި ދެ ލަނޑެވެ.
ލިވަޕޫލް ވެސް ވަނީ މިރޭ ވޫލްވްސްއާ ދެކޮޅަށް ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ޔާގަން ކްލޮޕްގެ ޓީމަށް ވަނީ އެއް ޕޮއިންޓު މަދުން ލިބިގެން އަނެއްކާވެސް ލީގެއް ކާމިޔާބުނުކުރެވި މަޑު ޖައްސާލަން މަޖުބޫރު ވެފައެވެ. ލިވަޕޫލްގެ ދެ ލަނޑުވެސް ޖަހާދިނީ މަނޭއެވެ.
ޕްރިމިއާ ލީގުގެ ނަމަށް އިނގިރޭސި ލީގު ބަދަލުކުރި ފަހުން ލިވަޕޫލަށް ލީގު ކާމިޔާބުކުރެވިފައިނުވި ނަމަވެސް އެޓީމުން ވަނީ 80ގެ އަހަރުތަކުގައި ބޮޑު ބާރަކަށް އޮވެ އިނގިރޭސި ލީގު 18 ފަހަރު ކާމިޔާބުކޮށްފައެވެ.
މިއީ މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކުރި 4 ވަނަ ފަހަރެވެ. ޕެޕް ގާޑިއޯލާގެ ސިޓީ ޓީމުން މިދިޔަ ސީޒަނުގައި ވެސް ލީގު ކާމިޔާބުކޮށްފައިވާއިރު 101 ޕޮއިންޓު އޭނާގެ ޓީމުން ވަނީ ހޯދާފައެވެ.