ހިތަދޫ ސިޓީ ސްކެއާ ތަރައްގީ ކުރުމަށް ކަމަށް ބުނެ އެތަނުގައި ހުރި ހުރިހާ ރުކެއް އައްޑޫ ސިޓީ ކައުންސިލުން ކަނޑާލައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް އައްޑޫގައި ކުރަން ރޭވި ހަމައެކަނި މަސައްކަތް ކަމަށްވާ ދިދަ ދަނޑި ޖެހުމުގެ ޕްރޮގްރާމުގެ ތެރެއިން ބޮޑު ދިދަ ހުންނަ ސިޓީ ސްކެއާވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކައުންސިލްގެ ސިޓީ ސްކެއާ ތަރައްގީ ޕްރޮޖެކްޓުގައި ވާގޮތުން އެތަނުގައި ބެންޗުތަކާއި، ހެމޮކް ސްވިންގާއި ހެމޮކް ބެޑް ފަދަ ތަކެތި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ސިޓީ ސްކެއާގައި ހުރި ގިނަ އަދަދެއްގެ ރުއްތައް ކަނޑާލާފައިވާއިރު ރުއްތައް އަލުން އިންދާނެ ކަމެއް ނުވަތަ ނޫން ކަމެއް ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.
މުޅި ރާއްޖޭގައި މިފަދަ ގޮތަކަށް އެއްފަރަހަރާ ގިނަ އަދަދެއްގެ ރުއްތައް ކަނޑަމުންދާއިރު ތިމާވެށި ހިމާޔަތް ކުރުމަށް ބާރުއަޅާ ފަރާތްތަކުން ވަނީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލާފައެވެ.
ކައުންސިލުން މިރުއްތައް ކަނޑާފައިވަނީ އެންވައިރަމެންޓް އިމްޕެކްޓް އެސެސްމެންޓް(އީއައިއޭ) ހެދުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އީއައިއޭ ރިޕޯޓު ކައުންސިލުން އާއްމުކޮށްފައި ނުވެއެވެ.
ސިޓީ ސްކުއާ ތަރައްޤީ ކުރުމަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ރުއް ގަސް ކެނޑުމާއި ގުޅިގެން ގިނަ ބަޔަކުވަނީ ކައުންސިލަށް ނުރުހުން ފާޅުކޮށްފައެވެ.