ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނައުމަށް ހަމަޖެހިފައިވާ އާ ކަށީގެ ޑޮކްޓަރު އައުން ލަސްވުމާ ގުޅިގެން ވަގުތީ ގޮތުން އައިޖީއެމްއެޗްގެ ކަށީގެ ޑޮކްޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޝާހު ސައީދު ވިދާޅުވެއްޖެއެވެ.
ނަމަވެސް ވަގުތީ ޑޮކްޓަރު ވެސް އައްޑުއަށް އައުމަށް ހަމަޖެހިފައިވާ ތާރީޚެއް ކަށަވަރު ވެފައެއް ނުވެއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންނަން ހަމަޖެހިފައިވާ ކަށީގެ ޑޮކްޓަރު ހޮނިހިރު ދުވަހު އަންނަން ހަމަޖެހިފައިވާއިރު އޭނާއަށް ނާދެވުނީ ޓިކެޓު ކެންސަލް ވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ދެން އޭނާއަށް ރާއްޖެ އާދެވޭނެ ދުވަހެއް ވެސް ހާމަކޮށްފައިނުވާއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތްތާ ހަމަސް ދުވަސް ވެއްޖެއެވެ. އަދި ދަތުގެ ބަލިތަކަށް ބޭނުންކުރާނެ ސާމާނު ނެތިގެން ހޮސްޕިޓަލުގައި ދަތުގެ ފަރުވާވެސް ނުދެވި ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދާދި ފަހުން އައްޑޫ ރައްޔިތުން ނިކުމެ ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.