ވޮލީ ބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އަތޮޅު އަދި ޒޯން މުބާރާތް އައްޑޫގައި ހޯސްޓު ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ކައުންސިލުން ޒޯން ވޮލީ މުބާރާތް އައްޑޫގައި ނުބާއްވަން ނިންމީ ޒޯން މުބާރާތަކީ ވަރަށް ބޮޑެތި ޚަރަދުތައް ހިނގާނެ މުބާރާތަކަށްވެފައި އައްޑޫ ސިޓީ ކައުންސިލަށް މިކަމަށް ޚަރަދު ކުރާނެ ބަޖެޓެއް ނުލިބި، މިފަދަ ބޮޑު މުބާރާތެއް ކުރިއަށް ގެންދެވިދާނެ ކަމުގެ ޔަޤީންކަމެއް ނެތުމުންނެވެ.
އައްޑޫ އަކީ މީގެ ކުރިން ރާއްޖޭގެ ވޮލީގައި އެންމެ ނަން މަޝްހޫރު އަތޮޅެވެ. މީގެ ކުރިން އަތޮޅު ފެންވަރުގައި ވޮލީ މުބާރާތް އިންތިޒާމްކޮށް އައްޑޫގައި ބާއްވާފައިވެއެވެ.
ހަރަދު ހިނގާނެކަމަށް ބުނެ ޒޯން މުބާރާތް އައްޑޫގައި ހޮސްޓު ނުކުރަން ނިންމިއިރު ފަހަކަށް އައިސް އައްޑޫގައި އެކި ނަންނަމުގައި ވޮލީ މުބާރާތް ދަނީ ބާއްވަމުންނެވެ. އަދި ވޮލީއަށް ޝައުގުވެރިވާ ޒުވާނުންވެސް މަޑުމަޑުން އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.