އައްޑޫއަށް ކޭބަލް ޓީވީގެ ހިދްމަތް ދެމުން އަންނަ އައިލެންޑް ޓީވީ އޮފީހާއި ޖެހިގެން އޮތް 4000 އަކަފޫޓްގެ ބިން އައިލެންޑު ޓީވީއަށް އިތުރުކޮށްދީފިއެވެ.
އައިލެންޑު ޓީވީއަށް ކައުންސިލުން ބިން އިތުރުކޮށްދީފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި ހަވާލުވެވަޑައިގެން ކައުންސިލުން ބިން ދޫކުރުމުގެ ބާރު އަތުލާފައިވަނިކޮށް އެ ބާރު ދިނުމާއި ގުޅިގެންނެވެ.
އައިލެންޓު ޓީވީ ބިމަކީ ހިތަދޫ ލިންކު ރޯޑުގައި ހުންނަ ކްއެންޗު ރެސްޓޯރެންޓު އާއި އިންވެގެން ހުރި އިމާރާތެކެވެ.
Click to access 1552966070.PDF
އައްޑޫ ކައުންސިލުން އައިލެންޑު ޓީވީއަށް ބިން އިތުރުކޮށްދިނީ އެކުންފުނިން ހުށަހެޅި ރިޕޯޓު ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީއިން ދިރާސާ ކުރުމަށްފަހު، ހުށަހަޅާފައިވާ ރިޕޯޓުގައި ހިމެނޭ ކަންކަމަށް ރިއާޔަތްކޮށް ރައްޔިތުންނަށް ދެމުންގެންދާ ކޭބަލް ޓީވީގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށްޓަކައި އައިލެންޑް ޓީވީގެ ފަރާތުން އެދިފައިވާގޮތުގެ މަތިން 4000 އަކަފޫޓުގެ ބިން އިތުރުކޮށްދިނުމަށް ފެންނަކަމަށް ކައުންސިލް ބައްދަލުވުމުގެ އައުލަބިއްޔަތުން ނިންމައިގެންނެވެ.
މި ނިންމުން ނިންމައި އައިލެންޑު ޓީވީއަށް 4000 އަކަ ފޫޓު ބިން އިތުރުކޮށްދިނުމަށް ނިންމާފައިވަނީ ކައުންސިލްގެ ތިން ވަނަ ދައުރުގެ 83 ވަނަ ޖަލްސާގައެވެ. މި ބައްދަލުވުމުގައި ވޯޓު ދެއްވީ 3 ކައުންސިލަރުންނެވެ. އެއް ކައުންސިލަރު މި ނިންމުމަށް ވޯޓު ނުދެއްވައެވެ. މިނިންމެވުމުގައި ސޮއި ކުރައްވާފައިވަނީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފްއެވެ.
އައިލެންޑު ޓީވީއަށް ބިން އިތުރުކުރުމަށް ކައުންސިލުން ނިންމުމާއި ގުޅިގެން އެބިން މިހާރު އައިލެންޑު ޓީވީން ވަނީ ސާފުކޮށްފައެވެ.
ފަހަކަށް އައިސް ބޮޑެތި ވިޔަފާރިތަކަށް ބިން ދިނުމަށާއި އިތުރުކޮށްދިނުމަށް ނިންމާފައިވާތީ އައްޑޫ ސިޓީ ކައުންސިލަށް ގިނަ ފާޑު ކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި މިފަދަ ބައެއް ނިންމުން ކައުންސިލުން އާއްމު ނުކުރާކަން ފާހަގަކޮށްލެވެއެވެ.