ށ. ފޭދޫގައި ދުވަސްވީ ބަނދެ ގޯނިއަރުވައި ލާއިންސާނީ އަމަލުކުރި އަންހެން މީހާއަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑަ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި އާންމުވި ފޮޓޯއަކާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް އެކަން ކުރި މީހުނަށް އަމާޒުވެފައިވާއިރު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.
މިނިސްޓަރު ޝިދާތާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ލާއިންސާނީ އަމަލު ހިންގި ފަރާތްތައް ހޯދައި ފިޔަވަޅު އަޅައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ޚަބަރު ލިބޭ ގޮތުގައި އަނިޔާކޮށްފައިވަނީ ސިކުނޑީގައި އުނިކަމެއް ހުންނަ މީހަކަށެވެ. އެމީހާ ހޮޅިދަނޑިއަކަށް ބަނުމަށް ފަހު މޫނުގައި ވަނީ ގޯންޏެއް އަޅާފައެވެ.