ފްރާންސުގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސުގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ އެހެން ކުލަބަކަށް ބަދަލުވުމުގެ އިޝާރާތެއް ދީފިއެވެ.
އެމްބާޕޭ މިފަދަ އިޝާރާތެއް ދީފައިވަނީ ފްރެންޗު ލީގު މޮޅު ކުޅުންތެރިޔާގެ މަގާމު ދިން ހަފްލާގައި އެވޯޑު ހޯދުމަށް ފަހު ދެއްކި ވާހަކައިގައެވެ. އެމްބާޕޭ ވަނީ މިއެވޯޑާއެކު އޭނާއަށް އިތުރު ޒިންމާތަކެއް ނަގަން ޖެހޭ ކަމަށާއި އެއީ ޕީއެސްޖީ ކަމުގައި ވިޔަސް ނުވަތަ އެހެން ޓީމަކުން ކަމަށް ވިޔަސް ކުރިއަށް ދިއުމަށް ބޭނުންވާ ކަމަށް ބުނެފައެވެ.
މޮނަކޯއިން މީގެ ދެއަހަރު ކުރިން ލީގު ކާމިޔާބުކުރި އިރު އެންމެ މުހިންމު ރޯލެއް އަދާކުރި އެމްބާޕޭ ވަނީ ވަގުތުން ޕީއެސްޖީއަށް ގެނެސްފައެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން އެމްބާޕޭ ގެނެސްފައިވާއިރު އޭނާ ގަތް ސީދާ އަގާމެދު އަދިވެސް ވަނީ ސުވާލުތަކެއް އުފެދި ކަށަވަރު ނުވެފައެވެ.
މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުން ނިމި ދާއިމީ ވެފައިވާއިރު އެމްބާޕޭ ވެސް ކަންބޮޑުވަނީ ޕީއެސްޖީއަށް ޗެމްޕިއަންސް ލީގުގައި ކުރިއަށް ނުދެވުމެވެ. މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކެޓީ ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑު އަތުން ބަލިވެގެންނެވެ.