ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވިހެއުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައި އެއް ދުވަސްވީ ތުއްތު ކުއްޖަކު މަރުވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެނައި ތުއްތު ކުއްޖާއަށް ފަރުވާ ދިނުމުގައި އެއްްވެސް އިހްމާލެއްވޭތޯ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މިދިޔަ އާދީއްތަ ދުވަހު ވިހެއި ކުއްޖާއަކީ ދުވަސް ނުފުރާ ވިހެއި ކުއްޖެކެވެ. ބަރުދަނުގައި 1.5 ކިލޯ ހުރި އެ ކުއްޖާ ވިހެއިރު ނޭވާލުމުގެ ނިޒާމުގައި މައްސަލަތަކެއް ހުރި ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. އެކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އެންއައިސީޔޫގައި ފަރުވާ ދިން ނަމަވެސް ފަރުވާ ދިނުމަށް ބޭނުން ކުރާ ނިއުނޭޓަލް ވެންޓިލޭޓަރެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކު ނެތެވެ.
ކުއްޖާ މަރުވެފައިވަނީ ފަރުވާ ދިނުމަށް މާލެ ގެންގޮސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެކަށީގެންވާ ފަރުވާ ނުލިބި ކުއްޖާ މަރުވި މައްސަލާގައި ހެލްތު މިނިސްޓްރީ އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ބޮޑެތި ފާޑު ކިއުން އަމާޒުވެފައެވެ.
25 ހާސް މީހުންގެ އާބާދީއެއް ދިރިއުޅޭ އައްޑޫގެ އެންމެ ބޮޑު ހޮސްޕިޓަލްގައި ނިއުނޭޓަލް ވެންޓިލޭޓަރެއް ނެތުމަކީ ގަބޫލް ކުރެވޭނެކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިކަމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އައްޑޫ މަރަދު ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފު ވަނީ ވިދާޅުވެފައެވެ.