އައްޑޫގައި މިހާތަނަށް ސަރުކާރުން އިމާރާތްކޮށް ދެއްވި މިސްކިތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި "ގައުމާއިގެން ކުރިއަށް" ކޯލިޝަމް ޖަލްސާގައި، ޑީއާރްޕީ އަށް ނިސްބަތްވާ ލަތީފު ވިދާޅުވީ މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އައްޑޫގައި ސަރުކާރުން މިސްކިތެއް އަޅުއްވައި ދެއްވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
އެގޮތުން އާދައިގެ ކުޑަ މިސްކިތެއްގެ ބަދަލުގައި އައްޑޫގައި ޑރ. ވަހީދުގެ ސަރުކާރުން އިސްލާމިކް ސެންޓަރެއް އަޅުއްވައި ދެއްވާނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި އެކަން ގިނަ ރައްޔިތުން ބޭނުންވާ ކަމަށް ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ވަހީދުގެ ވެރިކަމުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި އެކަން ނުކުރެވުނު ނަމަވެސް، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބް ވަހީދު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގަތުމަށް ފަހު، އައްޑޫގައި އިސްލާމިކް ސެންޓަރެއް އަޅުއްވައި ދެއްވާނެ ކަމަށް ގްބޫލް ކުރައްވާ ކަމަށެވެ.
އައްޑޫގައި އިސްލާމިކް ސެންޓަރެއް އަޅާ ވާހަކަ އެންމެ ފުރަތަަމަ ދެެއްކީ ތިން އަހަރު ވެރިކަން ކުރެއްވި މުހައްމަދު ނަޝީދުގެ ވެރިކަމުގެ އެވެ.
އެގޮތުން ސައުދީ އަރަބިއްޔާގެ އެހީތެރިކަމާ އެކު، އައްޑޫގައި އިސްލާމިކް ސެންޓަރެއް އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވީ އައްޑޫގައި ބޭއްވި ފުރަތަަމަ ކޮމިއުނިޓީ ކެބިނެޓްގައި މެއި 12، 2011 ގަ އެވެ.
އަދި އެތަނުގެ ޑިޒައިން ވެސް ނިމި އިސްލާމިކް ސެންޓަރު އަޅާނެ ބިން ވެސް ހަމަޖެހިފައިވާ ކަމަށް ޑރ. މަޖީދު އޭރު ވިދާޅުވެފައިވެ އެވެ.
އެގޮތުން އެ ތަން އިމާރާތް ކުރާނީ ހިތަދޫގައި ހުރި ގައުމީ ޔުނިވަސިޓީގެ ދަނާލާ ދިމާލުގައި އޮތް ހުސް ބިމުގައި ކަމަށް ވިދާޅުވި އެވެ.
އަދި ފަހުން މިނިސްޓަރު ވިދާޅުވެފައި ވަނީ އެ މަސައްކަތް ނުފެށި ލަސްވަނީ ފައިސާ ލިބުން ލަސްވާތީ ކަމަށެވެ.