Last Updated: November 29, 20:04
Friday, November 29, 2024
ޚަބަރު އައްޑޫލައިވް

އާ ލޯގޯ އާއި އެކު އައްޑޫލައިވް ސައިޓަށް ބަދަލުތަކެއް!

އައްޑޫލައިވްގެ އާ ލޯގޯ އާއިއެކު ސައިޓަށް ބަދަލު ގެނެސްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މައުލޫމާތު ހޯދުމަށް ވަންނަ އައްޑޫލައިވް ނޫހުގެ ވެބްސައިޓު މިފަހަރުވެސް ފަރުމާކޮށްފައިވާނީ ކިއުންތެރިންނަށް ފަސޭހައިން މައުލޫމާތު ހޯދާލެވޭ ގޮތަށެވެ.

އެގޮތުން އެންމެ ފަހުގެ ހަބަރުތަކާއި، ރިޕޯޓު އަދި އާއްމުކޮށް ކިއުންތެރިން ކިޔާ ހަބަރުތައް ފަސޭހައިން ބެލޭގޮތަށް ހޯމް ޕޭޖް ވަނީ ފަރުމާ ކުރެވިފައެވެ.

އައްޑޫލައިވްގެ ކްރިއޭޓިވް ޓީމުން ބުނީ އާ ލޯގޯ އާއި އެކު ސައިޓަށް ބަދަލު ގެނައުމަށް ނިންމީ މިހާރަށް ވުރެ ގިނަ ހަބަރާއި ކެޓަގަރީ ހޯމް ޕޭޖަށް އިތުރު ކުރުމަށް ބައެއް ކިއުންތެރިންގެ ފަރާތުން ފީޑްބެކް ލިބިފައިވާތީކަމަށެވެ.

އާ ލޯގޯއިން ރަމްޒުކޮށްދެނީ އައްޑޫގެ ޗާޓެވެ. އަދި މިގޮތަށް ލޯގޯ ބަދަލަކުރި އެންމެ ބޮޑު ސަބަބަކީ މި ނޫހަކީ އައްޑޫއަށް ނިސްބަތްވާ ނޫހަކަށްވެފައި ނޫހުން އައްޑޫ ރަމްޒުކޮށްދިނުމެވެ.

2013 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުންފެށިގެން ހިންގަމުން އަންނަ އައްޑޫލައިވް ނޫހަށް ކިއުންތެރިންގެ ފަރާތުން ލިބޭ ހިޔާލާއި މަޝްވަރާ އާއި ކިއުންތެރިންގެ ތާއިދާއި އެކު އަންނަނީ ބަދަލުތައް ގެންނަމުންނެވެ. މި ނޫހަކީ މިއަދު ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ނަމެކެވެ.

ފާއިތުވި ދުވަސްތަކަށް ބަލާއިރު ނޫސް އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ގޮސްފައިވަނީ ސަރުކާރު ތެރޭގައި ހިންގާފައިވާ ބޮޑެތި ވައްކަމާއި ކަރަޕްޝަންގެ މައުލޫމާތު އެންމެ ތަފްސީލުކޮށް ގެނެސްދިން ނޫހެއްގެ ގޮތުގައެވެ. އެގޮތުން ރައީސް ޔާމީން ސަރުކާރުގައި ހިންގާފައިވާ ބޮޑެތި ކަރަޕްޝަން މައްސަލަތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމުގެ ސަބަބުން 2015 ވަނަ އަހަރުގެ އެޕްރީލް 15 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުތަކަށް އަންގައިގެން ރާއްޖެއިން އައްޑޫލައިވްއަށް ނުވަދެވޭގޮތަށް ބްލޮކް ކުރިއެވެ.

މިއީ ރައީސް މައުމޫންގެ ވެރިކަމުގައި ދިވެހި އޮބްޒާވާ ސައިޓު ރާއްޖެއިން ބްލޮކް ކުރިފަހުން ރާއްޖޭގެ ސަރުކާރުން ބްލޮކް ކުރި ހަމައެކަނި ނޫސް ވެބްސައިޓެވެ. ސަރުކާރުން އައްޑޫލައިވް ބްލޮކް ކުރުމަށް ދެއްކި ހަމައެކަނި ބަހަނާ އަކީ ހޯމް މިނިސްޓްރީގައި ނޫހެއްގެ ގޮތުގައި ރަޖިސްޓްރީ ނުކުރާ ކަމުގެ ބަހަނާއެވެ.

އޭރު އައްޑޫލައިވް ބްލޮކް ކުރި އިރު ރަޖިސްޓާ ނުކޮށް ބައެއް ނޫސް ވެބްސައިޓު ރާއްޖޭގައި ހިންގިއެވެ. އަދި މިއަދުވެސް މި އުސޫލުން ހިންގާ ނޫސްތައް ރާއްޖޭގައި އެބަތިއްބެވެ. ނަމަވެސް މިއިން އެއްވެސް ސައިޓެއް ސަރުކާރުން ބްލޮކްއެއް ނުކުރެއެވެ.

ސަރުކާރުން އައްޑޫލައިވް ބްލޮކް ކުރުމާއި ގުޅިގެން ކިއުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް މި ފުރުސަތުގައިވެސް ނޫހުގެ އެންމެހޡ ކިއުންތެރިންނަށް ޝުކުރު ދަންނަވަމެވެ.

އައްޑޫލައިވް އިތުރަށް ތަރައްޤީ ކުރުމަށް ނޫހުގެ މުވައްޒަފުން ކުރި މަސައްކަތުން މިއަދު އައްޑޫގެ ހަބަރާއި މައުލޫމާތުގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިނގާ ހަބަރާއި މައުލޫމާތު އައްޑޫލައިވްއިން ގެނެސްދެއެވެ.