ހުޅުމާލެއިން ފުޅިއަކަށް އެއްޗެއް އަޅައިގެން ގޮއްވާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 22:30 ހާއިރު ހުޅުމާލެ 16 ނަންބަރު ފްލެޓާއި 18 ނަންބަރު ފްލެޓު ސަަރަހައްދުން އެއްޗެއް ގޮއްވާލި ކަމުގެ އަޑުއިވިގެން އާއްމު ފަރާތަކުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައުލޫމާތާއި ގުޅިގެން އެ ސަރަހައްދަށް ފުލުހުން ދިޔަ އިރު ކުޑަ ފުޅިއަކަށް ސާފު ލިކުއިޑް އަޅައިގެން ގޮއްވާލާފައިވާ ކަމަށެވެ. މިހާދިސާގެ ތަހްގީގު ފުލުހުން މިހާރު ވަނީ ފަށާފައެވެ. ފުލުހުން ބުނީ އަދި ވަކި ފަރާތަކަށް މިހާދިސާގެ ތުހުމަތު ނުކުރާކަމަށެވެ.
ހުޅުމާލެއިން ފުޅިއެއް ގޮއްވާލާފައިވަނީ ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއްދޭން އުޅޭކަމުގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް ލިބުމާއި ގުޅިގެން ސިފައިންނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަ ސިފައިން ދޮގުކޮށްފައި ވަނިކޮށެވެ.
ސިފައިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު: 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް އިލްތިމާސް ކުރަމަށެވެ.