ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް އޮތްނަމަ އެކަމެއް ސިއްރު ނުކޮށް ހުރިހާ މައުލޫމާތެއް ހާމަ ކުރައްވާނެކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރުން ފެށިގެން ސިފައިންނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ އިރު ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.
މި ވާހަކަތަކާއި ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށް ގެންދާ ތަމްރީނުތަކަކީ ޚާއްސަ މައުލޫމާތެއް ލިބިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫންކަމަށެވެ. އަދި މި ތަމްރީނުތަކުގެ ބޭނުމަކީ ހާދިސާއެއް ދިމާވުމުގެ ކުރިން ދުރާލާ ތައްޔާރުވެ ތިބުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒަކަރިއްޔާ ވިދާޅުވީ ރެއިން ފެށިގެން 3 ދުވަހަށް ކުރިއަށްގެންދާ ތަމްރީނުތަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކޮށްފައިވާނެކަމަށެވެ. އަދި ޓެރަރިޒަމްގެ ހުރިހާ އަމަލަކީ ދުރާލައި އެނގިގެން ހިނގާކަންކަން ނޫންކަމަށެވެ. އަދި ރައްޔިތުންނަށް ނުރައްކާވާނެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ރައްޔިތުންނަށް ސިއްރުނުކޮށް މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ތަމްރީނުތަކަކީ ިދިޔަ މަހުގެ 21 ވަނަ ދުވަހު އަވައްޓެރި ލަންކާއަށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ތައްޔާރުވެ ތިބުމުގެ ގޮތުން ކުރިއަށްދާ ތަމްރީނުތަކެކެވެ.