Last Updated: November 24, 20:29
Sunday, November 24, 2024
ރިޕޯޓް

ވެރިކަން ބަދަލުވި ގޮތް ރަނގަޅުބާ؟

މިދިޔަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގައި ދިޔަ އެންމެ ގިނަ ހަމަނުޖެހުންތައް ހިނގި ދެ ދުވަހެވެ.

ހަތް ވަނަ ދުވަހަށް އިރު އަރައިގެން އައީ ރައްޖޭގެ އެތައް ބަޔަކަށް ބޮޑު "މެސެޖެއް" ދެމުން ދިޔަ ދުވަހަކަށެވެ. ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް "ވައްޓާލުމަށް" ބަޔަކު މަސައްކަތް ކުރި ދުވަހެކެވެ.

ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުތައް ވައްޓާލަން ނޫނީ މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފުނޑުފުނޑުކޮށްލުމަށް ކޮންމެވެސް ބަޔަކު އެދުވަހު ނިކުމެ ވާހަކަ ދެއްކިޔަސް އެކަމަކީ ސިޔާސީ ގޮތުން ހިންގާ ދަށުދަރަޖައިގެ އަމަލެއް ކަމަށް ފާހަގަވެ އެވެ.

ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ "މަޖުބޫރު ކޮށްގެންނޭ" ވެސް ބުނެވިދާނެ އެވެ. މިހާރުގެ ޑިފެންސް މިނިސްޓަރާއި ކޮމިޝަނަރު އޮފް ޕޮލިސްގެ އަމަލުތަކުން "ވަރަށް ސާފު" ކޮށް މިކަންތައްތައް ދޭހަވަ އެވެ.

ލީކުވެފައިވާ ވީޑިއޯތަކުން ނާޒިމް ވިދާޅުވަނީ "ރައީސަށް ދަންނަވާފައިވާނީ އެއްވެސް ޝަރުތަކާ ނުލައި" އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.
އޭރު ނާޒިމަކީ އާދައިގެ މީހެކެވެ. ސިފައިގެން މަރުކަޒަށް ވަދެވިގެންވެސް ނުވާނެއެވެ. ދެން އޮތީ ސިފައިންނާއި ފުލުހުންގެ ވާހަކައެވެ. އާއްމުންގެ ބައެއް މީހުންގެ އަތަށް "ޝީލްޑްތައް" ދީފައި ވެސް އެބަ ހުއްޓެވެ. މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. އަމިއްލަ މަސްލަހަތާއި އަދި ދުނިޔަވީ އަމިއްލަ ފައިދާއަށް ބަޔަކުނުކުމެ އެޤައުމެއްގެ ވަލިއުލް އަމުރަށް ނުވަތަ ދިފާއީ މުއައްސަސާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެކޮޅަށް ނިކުތުމަކީ ޤާނޫނީ ވަރަށް ބޮޑު ކުށެކެވެ.

ސަރުކާރުގެ ބައެއް ތަންތަން 8 ވަނަ ދުވަހު ބަޔަކު މީހުން އަންދާލި އިރު ފުލުހުންނާއި ސިފައިގެން ހާލަތަށް ވެސް ބަލަން އެބަޖެހެއެވެ. ބަޔަކު މީހުންގެ އަތްދަށަށް ދިޔައީ ފުލުހުންނާއި ސިފައިންނަށް އެމީހުންގެ މަސައްކަތް ރަނގަޅަށް ނުކުރެވިގެން ކަމަށް ވެސް ބެލެވިދާނެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާއި ގުޅިގެން ވެރިކަމާއި ހަވާލުވި ފަރާތަކީ އޭރު ރައީސް ނަޝީދާއި އިދިކޮޅު ހުރިހާ ފަރާތްތަކެއް އެއްވެގެން އުފެދުނު ކޯލިޝަނަކުން އުފެދުނު ސަރުކާރަކަށް ވެފައި، އެފަރާތްތަކުން ވެރިކަމަށް އައުމުގެ ކުރިން ވެސް ވަނީ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ޖަލުގައި ހޭދަ ކުރަން ޖެހޭނެ ހުރިހާ ކަމެއް ކުރަށްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ވަޢުދު ވެސް ފުއްދައި ނުދެވި ކޯލިޝަންވަނީ ބައިބައިވެފަ އެވެ.

މި ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އުފެއްދެވި ކޯނީގެ ރިޕޯޓްގައި ތަންފީޒު ކުރުމަށް ބާރު އެޅި އެއްވެސް ކަމެއް މިއަދާ ހަމަޔަށް ތަންފީޒް ވެގެން ގޮސްފައި ނެތުމަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ.

ކޮންމެއަކަސް މިއަދާ ހަމައަށް ވެސް ޖަވާބު ނުލިބޭ އެއްތައް ސުވާލުތަކެއް ރައްޔިތުންގެ ހިތުގައި ވަނީ އުފެދިފަ އެވެ. މި ޤައުމުގެ ޅަ ޖީލްތަކަށް ދައްކަމުން މި ގެންދަނީ މި އަމަލުތަކުގެ ސަބަބުން މިރާއްޖޭގެ ފަލްސަފާ ކިލަނބުވާ ފަދަ ހުދުމުހުތާރު ސިފަތަކެކެވެ.

ހަމަ އެގޮތަށް ޤައުމުގެ ދަރިންގެ ލޯ ހުޅުވި ޑިކްޓޭޓަރުންނާ ޑިމޮކްރަޓިކް ވެރިންގެ ބޮޑު ތަފާތު ހާމަވެގެންދާކަން ފަހަގަ ކުރެވެ އެވެ.