ލ. ހިތަދޫ ބޭރުގައި އޮތް ބޯޓަކުން ވެލި ނަގައިގެން ބޭރުކުރަން މަސައްކަތް ކުރި މައްސަލަ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިންވެސް ތަހުގީގު ކުރަން ފަށައިފިއެވެ.
ކަސްޓަމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން އަންނަ އުޅަނދު ތަކަށް ކަސްޓަމްސްގެ ހުއްދައާ ނުލާ ބަނދަރު ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެ އުޅަނދަކަށް އެއްޗެއް އަރުވައި ބޭލުމަކީވެސް މަނާ ކަމެއް ކަމަށާއި ޗައިނާ ބޯޓުން ވެލި ބަރުކުރީ ހުއްދައެއް ހޯދުމެއް ނެތި ކަމަށް ވާތީ އެ މައްސަލަ ކަސްޓަމްސް އިން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިމައްސަލަ ބަލައި ޝާމިލްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ޚަބަރު ލިބޭ ގޮތުގައި ވެލި ބަރުކޮށްފައިވަނީ ސިނަމާލެ ބްރިޖު އެޅި ޗައިނާގެ ސީސީސީސީ ކުންފުންޏަށް ނިސްބަތްވާ ބޯޓަކުންނެވެ. އެބޯޓުގައި ދިދައެއް ރަމްޒު ކޮށްފައިނުވި ނަމަވެސް ބޯޓުން މައްސަލަ ފެންމަތި ކުރި ފަރާތަށް ކިޔާ ދެމުން ބުނެފައިވަނީ ވެލި ނަގަނީ ބްރިޖު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޗައިނާއާ ވެވުނު އެއްބަސްވުމުގެ ދަށުން ކަމަށެވެ.
ބޯޓުން މަސައްކަތް ކުރީ ދިވެހި ރާއްޖެއިން ވެލި ނަގައިގެން ދުބާއީ އަށް ބޭރު ކުރަން ކަމަށް ވެސް އަޑުފެތުރިފައިވެއވެ.
މިމައްސަލަ މިހާރު ފުލުހުންނަށް އަންގައިގެން ބަލަމުން އަންނަ ކަމަށް އެންވަޔަރޮމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ޓުވީޓަކުން އަންގަވާފައެވެ.