Last Updated: November 26, 20:40
Tuesday, November 26, 2024
ސިޔާސީ

ޑީއާރުޕީގަވެސް، އެމްޑީޕީގަ ވެސް ކުރީ އިޚުލާސްތެރި މަސައްކަތް: ރޮޒޭ

ޑީއާރްޕީ އަދި އެމްޑީޕީގަ ހުރެގެންވެސް ކޮށްފައިވާނީ އިޚުލާސްތެރި މަސައްކަތް ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް، ފާޑުވިދާޅުވާ ބޭފުޅުންނަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ޓިކެޓުގައި ދެވަނަ ފަހަރަށް އައްޑޫ މީދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ ރޮޒޭއަށް އެމްޑީޕީ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވީ މަޖިލިސް ރައީސްގެ ބަހުސްއަކީ ބޭކާރު ބަހުސްއެއް ކަމަށް ރޮޒޭ ވިދާޅުވުމުންނެވެ.

ޓުވިޓާގައި އާންމު މެމްބަރުންގެ ތެރޭގައި ކޮންމެވެސް ވަރަކަށް ބައިބައިވުން އުފެދިފައިވާ މިދަނޑިވަޅުގައި ބައެއް ސަޕޯޓަރުން ވަނީ ރައީސް ސޯލިހް، މަޖިލިސް ރައީސަކަށް ގެނައުމަށް ތާޢީދު ކުރައްވަނީ އަފީފަށް ކަމަށް ވިދާޅުވުމުން ރައީސް އަށް ފާޑުވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ރޮޒޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު ތާއީދު ކުރައްވާ ބޭފުޅެއްގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވީ ކަމަށާއި އަދި ރައީސް ސޯލިހަށް އެންމެ ކަމުދާ މީހެއްގެ ވާހަކަ އެމަނިކުފާނު ވިދާޅުވީ ކަމަށެވެ. އަސްލަމް އަދި އަފީފް މަޖިލިސް ރައީސަކަށް ވަޑައިގަތަސް އެއީ އެމްޑީޕީ މެމްބަރަކު ހޮވުނީ ކަމަށާއި މިކަމުގައި އޮތް މައްސަލަކީ ކޮބައިތޯ ރޮޒޭ ވަނީ ސުވާލުކޮށްފައެވެ.

ބައެއް މީހުންނަށް މިޓުވީޓުން ދޭހަވި ބަހަކީ ރޮޒޭގެ ތާއީދު އޮތީ އަފީފަށް ކަމަށެވެ. އެހެންކަމުން ޓުވީޓާގައި ވަރަށް ގިނަ ބަޔަކު ރޮޒޭއަކީ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރެއް ނޫން ކަމަށާއި ޑީއާރުޕީގައި މަސައްކަތް ކުރެއްވި ބޭފުޅަކު ނަޝީދަށް ތާއީދު ނުކުރާނެ ކަމަށް ބުނެ ތުހުމަތުތައް އަމުނަމުން ދިޔައެވެ.

ޖަވާބުގައި ރޮޒޭ ވަނީ ފާޅުކުރީ ޚިޔާލެއް ކަމަށާއި ބިރު ދައްކައިގެން ވޯޓެއް ނުހޯދޭނެ ކަމަށް ބުނެ ރައްދު ދީފައެވެ. "ޑީއާރުޕީގަ ހުރެގެން ވެސް އެމްޑީޕީގަ ހުރެގެން ވެސް އަޅުގަނޑު ކޮށްފަ ހުންނާނީ އިސްލާހީ މަސައްކަތް. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ އަޅުގަނޑު ވެސް ވޯޓު ދީގެން ފާސްކުރި އެއްޗެއް. ވަރަށް ސަލާމް" ރޮޒޭގެ ޓުވީޓުގައި ލިޔެފައިވެއެވެ.

އެމްޑީޕީ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދުނީ ކުރީގެ ރައީސް ނަޝީދު، މަޖިލީހުގެ ރައީސަކަށް އަސްލަމްގެ ނަން ހުށައަޅާފައިވަނިކޮށް އަފީފަށް ރައީސް ސޯލިހް ތާއީދު ކުރެއްވުމާ ގުޅިގެންނެވެ. ރައީސަކަށް ހުށައަޅާނެ ބޭފުޅަކު ކަނޑައެޅުމަށް އެމްޑީޕީގައި މިހާރު ވަނީ ހޯމަ ދުވަހު ވޯޓެއް ތާވަލުކޮށްފައެވެ. ވޯޓުގައި ބައިވެރިވާނީ އެމްޑީޕީ ޓިކެޓުގައި އިންތިޚާބުވި މެމްބަރުންނެވެ.