އިންޑިއާ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފާކަމަށް އިންޑިއާގެ ފުލުހުން ބުނެފިއެވެ.
އިންޑިއާގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެ އާއި ބައެއް އެހެން ގައުމުތަކަށް އެތެރެކުރަން އުޅުނު 14 ކިލޯގެ މަސްތުވާތަކެތި އެގައުމުގެ ފުލުހުން ވަނީ އަތުލައިގެންފައެވެ. އޭގެ ތެރޭގައި ހިމެނެނީ 11.5 ކިލޯގެ ހަޝިޝް އޮއިލް އާއި 2.5 ކިލޯގެ ގަންޖާއެވެ.
އިންޑިއާ ފުލުހުންނާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަތުލައިގަތް މަސްތުވާތަކެތި ގެންދިޔައީ އަންދްރަޕްރަދޭޝުން ޓްރެވިންޑްރަމަށް ދިޔަ ކާރެއްގައި ފޮރުވާފައި ވަނިކޮށެވެ. މިއޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތިތަކެއް އަތުލައިގަތް އިރު ފާއިތު މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުންވަނީ ރާއްޖެ އެތެރެ ކުރަން އުޅުނު 200 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.