އެމްޑީޕީގެ ވެރިކަމެއްގައި މަތީ ތަޢުލީމުގެ ރަންޒަމާނެއް އަލުން އާލާ ކުރައްވާނެ ކަމަށާއި މަތީ ތަޢުލީމުގެ ފުރުޞަތަށް އެދޭ ހުރިހާ ދިވެހި ރައްޔިތުންނަށް އެ ފުރުޞަތު ހޯއްދަވައި ދެއްވާ ނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ޅ. ނައިފަރުގައި "ދިވެހި ޢިލްމުވެރީން: ދިވެހީންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށް" އެމްޑީޕީގެ މަތީ ތަޢުލީމުގެ ސިޔާސަތު އިފްތިތާޙްކޮށް ދެއްވުމަށް މަދަރުއްސަތުލް އިފްތިތާޙްގައި ބޭއްވި ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
"ދިވެހި ޢިލްމުވެރީން" ސިޔާސަތު އިފްތިތާޙްކޮށް ދެއްވަމުން ނަޝީދު ވިދާޅުވީ ތަރައްޤީއަކީ ބޮޑުހިލަ ބަނދަރާއި ދިހަބުރި އިމާރާތް ނޫން ކަމުގަ އެވެ. އަދި ދިވެހި ރާއްޖެ ތަރައްޤީ ކުރަމަށް މިއަދު އެންމެ މުހިއްމު އެއްކަމަކީ މަތީ ތަޢުލީމުގެ ފުރުޞަތު ދިވެހީންނަށް ހޯދައިދިނުން ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
އެގޮތުން އެމްޑީޕީގެ ސަރުކާރުގައި ދިވެހި ރާއްޖޭގައި މަތީ ތަޢުލީމު ޙާޞިލް ކުރާ މިންވަރު %40 އަށް މަތި ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ތިން އަހަރުގެ ތެރޭގައި ޤައުމީ ޔުނިވަސިޓީގެ ޤަނޫނު އެކުލަވާލެވި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑއުކޭޝަން ޔުނިވަސިޓީއަށް ބަދަލު ކުރެވި އެ ޔުނިވަސިޓީގެ އެކިއެކި ފެކަލްޓީތައް މިހާރު ޤާއިމު ކުރެވިފައި ހުރި ތަންތަނުގެ އިތުރުން ރާއްޖޭ ހުރިހާ ހިސާބެއްގައި ވެސް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާ ކުރެވިގެން ދާނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.
އަދި ޔުނިވަސިޓީގައި އިސްލާމިކް ފެކަލްޓީ އިތުރަށް ހަރުދަނާ ކޮށް ތަރައްޤީ ކުރައްވާނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގަައި ތަރައްޤީވެ ކުރިއަރަމުން އަންނަ އެއްދާއިރާކަމުގައިވާ ބޯޓު ބަނުމުގެ މަސައްކަތް އިތުރަށް ތަރައްޤީ ކުރުމަށް ބޯޓު ބަނުމުގެ ޚާއްޞަ ސެންޓަރެއް ޤާއިމްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ދިވެހި ގިނަ ޑޮކްޓަރުން މިއަދު ތަމްރީނު ވަނީ އަވަށްޓެރި ޤައުމުތަކުންކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި ދިވެހި ޑޮކްޓަރުންނާއި ސިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމަށް މެޑިކަލް ކޮލެޖެއް ޤާއިމުކު ރައްވާނެ ކަމުގަ އެވެ. އަދި އެތައް ޒަމާނަކަށް ދެމިގެން އައިސްފައިވާ ދިވެހި މަސްވެރިކަމުގެ ޢިލްމު 21 ވަނަ ގަރުނަށް ފެތޭ ގޮތަށް ފައްކާވާން ޖެހޭ ކަމުގައި ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ "ދިވެހި ޢިލްމުވެރިޔާ" ގެ ސިޔާސަތުގެ ދަށުން ރާއްޖޭގައި ފިޝަރީޒް އިންސްޓިޓިއުޓެއް ޤާއިމު ކުރައްވާނެ ކަމުގަ އެވެ.
ދިވެހި ޒުވާނުންގެ ތަރައްޤީއާ ގުޅިފައިހުރީ ބޯޅަދަނޑުގެ ފަސްގަނޑު އެއްވަރު ކުރުން އެކަނި ނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހުނަރުވެރި ކުޅިވަރު ޢިލްމުވެރިން ބިނާކުރުމަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސްޕޯޓްސް ކޮލެޖެއް ޤާއިމުކޮށް ދެއްވާނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.
ނައިފަރުގެ ބޭއްވި މި ޙަފްލާގައި ވާހަކަދައްކަވަމުނެ ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަތީ ތަޢުލީމު ޙާޞިލްކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ފައިސާގެ ދަތިކަން ކަމުގަ އެވެ. އަދި އެކަން ޙައްލުކުރުމަށް އެމްޑީޕީގެ ސަރުކާރުގައި ހަޔަ އެޑިއުކޭޝަން ސޭވިން ސްކީމެއް ހުޅުވާނެ ކަމަށާއި އެކަމަށް ސަރުކާރުން ފަސް އަހަރުގެ ތެރޭގައި 120 މިލިއަން ރުފިޔާ ހަމަޖައްސަވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
މާލީ އެހީ ބިނާވާނީ އެ ރަށަކަށް ބޭނުންވާ މަތީ ތަޢުލީމާއި ތަމްރީނު ގެ ފުރުސަތުތައް އެ ރަށެއްގެ ކައުންސިލުން ފާހަގަ ކޮށް، ލޯނާއި ސްކޮލަޝިޕްތައް ދޫކުރުމުގެ ކަންކަން ހިންގާނީ ސީދާ ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމުގައި ނަޝީދު ވިދާޅުވި އެވެ އެމްޑީޕީގެ އަމާޒަކީ ރަށުގައި ހުނަރު ބިނާކޮށް ރަށަށް އެންމެ ފައިދާ ލިބޭ ގޮތަކަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ލިބިގެން ދިއުން ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
އެގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށް ޖުމްލަ 6150 ޒުވާނުންނަށް މަތީ ތައުލީމް ހޯދުމަށް ލޯނާއި ސްކޮލަރޝިޕް ދިނުމަށް ފަސް އަހަރުގެ ތެރޭގައި 500 މިލިއަން ރުފިޔާ ކަނޑައެޅޭނެ ކަމުގައި ވިދާޅުވި އެވެ.
މަތީ ތަޢުލީމު ޙާސިލް ކުރުމަށް އެދޭ ފަރާތްތަކަށް ތަރައްގީގެ ބޭންކުން ތައުލީމީ ލޯނުގެ ގޮތުގައި 118 މިލިއަން ރުފިޔާ ދިނުމަށް ކަނޑއަޅުއްވާނެ ކަމަށާއި ހާއްސަ ލޯން ސްކީމްގެ ދަށުން 2،000 ދިވެހި ދަރިވަރުންނަށް އެމްބީބީއެސް ހަދަން ޔުނިވާސިޓީއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދޭއްވާނެ ކަމަށާއި، ރާއްޖޭގައި މަތީތައުލީމު ހާސިލްކުރާ ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންގެ ކޯސްފީ ސަރުކާރުން ދައްކާދިނުމުގެ ޕްރޮގްރާމެއް ހިންގަވާނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.
އަދި ކޮންމެ ދަރިވަރަކު ވެސް ލޯން އަނބުރާ ދައްކާއިރު މަހެއް މައްޗަށް އާމްދަނީގެ %8 އަށް ވުރެ މަތި ނުވާނެ ގޮތަށް ހަމަޖައްސަވާނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ޑިގްރީ ފެންވަރުގެ 300 ސައެންސް ޓީޗަރުން؛ 300 ގުރްއާން މުދަރިއްސުން؛ ޑިގްރީ ފެންވަރުގެ 500 ނަރުހުންނާއި 200 ފާމަސިސްޓުން ތަމްރީނުކުރައްވާނެ ކަމަށާއި ޔުނިވަރސިޓީ، ކޮލެޖް އަދި ޕޮލީޓެކްނިކްގެ ލެކްޗަރަރުން ތާޒާކުރުމުގެ ޕްރޮގްރާމް ހިންގޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ މަތީ ތަޢުލީމުގެ ސިޔާސަތުގެ ތެރެއިން ޖުމްލަ 17،350 ކުދިންނަށް ތަމްރީނު ދެވޭނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.
ޒުވާނުންގެ ތެރެއިން މާޔޫސްވެ ވަޒީފާނެތިފައި ތިބޭ ކުދިންނަށް މަތީތަޢުލީމުގެ ފުރުޞަތު ހޯދައިދޭން ޖެހޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވ. އަދި އޯލެވެލެ ނިމުމުން އެހިސާބުން ދޫނުކޮށް 20-25 އަހަރު ވަންދެން މަތީ ތަޢުލީމު ދެވެން ޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި އެމްޑީޕީން އެދޭ ބަދަލު ގެނެވޭނީ މަތީ ތަޢުލީމު ފޯރުކޮށްދީގެން ކަމަށާއި ދިވެހި ރާއްޖެ މި ހިސާބަށް ގެނެސްދިން އަލިގަދަ ދަންމަރު އިތުރަށް އަލިގަދަކޮށް 21 ވަނަ ގަރުނަށް ނެރެދެއްވާނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.