Last Updated: November 29, 20:04
Friday, November 29, 2024
ޚަބަރު

އައްޑޫ މެމްބަރުންގެ ތެރެއިން އަސްލަމް އާއި ދެކޮޅަށް ނިކުންނެވީ ރޮޒެއިނާ!

ރައްޔިތުންގެ މަޖިލިސް ކެމްޕެއިންގެ ތެރެއިން އެ ޕާޓީގެ ބައެއް މެމްބަރުންނާއެކު ރައީސް ސޯލިހާއި ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހޮވުމަށް ފަށާފައިވާ ކެމްޕެއިންގައި އައްޑޫގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ފާޅުގައި އަސްލަމް އާއި ދެކޮޅަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ނިކުންނެވުމުން އައްޑޫގެ ގިނަ ބައެއްގެ ފާޑު ކިއުން ރޮޒެއިނާއަށް އަމާޒުވެއްޖެއެވެ.

މާދަމާ ބާއްވާ މަޖްލިސް ހުޅުވުމުގެ ޖަލްސާގައި މަޖްލިސްގެ ރައީސް ކަނޑައެޅުމަށް ވޯޓު ނަގާނެއެވެ. މަޖްލިސްގެ ރައީސް ކަމަށް މިހާރު ކުރިމަތިލައްވާފައި ތިއްބެވީ އަސްލަމްގެ އިތުރުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުއެވެ. ރައީސް ނަޝީދު އާއި އެމްޑީޕީ ގްރާސްރޫޓު ގިނަ މެމްބަރުން ތިއްބެވީ އަސްލަމްއަށް ތާއިދު ކުރައްވައިގެންނެވެ.

ބައެއް ވަޒީރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު އޮތީ ހަސަން އަފީފަށެވެ.

މަޖްލިސްގެ ރައީސަކަށް މުހައްމަދު އަސްލަމަށް ވޯޓު ދެއްވާނެކަން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްވަނީ ފާޅުގައި ވިދާޅުވެފައެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު މަޖްލިސް ރައީސްކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ސީދާ ވަކި ބޭފުޅަށް ކެމްޕެއިން ނުކުރައްވައެވެ. ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުވަނީ ގިނަ ރައްޔިތުންގެ ހާޒިރުގައި މަޖްލިސްގައި ދޭ ފުރަތަމަ ވޯޓު އަސްލަމްއަށް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

އަސްލަމާއި ދެކޮޅަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރޮޒެއިނާ ވިދާޅުވީ އޭނާ އަސްލަމްއަށް ވޯޓު ދެއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އޭނާ ވޯޓު ދެއްވާނީ މީދޫ ދާއިރާގެ ރައްޔިތުން އެދޭ ގޮތަށް ވިދާޅުވުމުން ގިނަ ރައްޔިތުންދަނީ އެކަމާއި ރޮޒެއިނާއަށް ފާޑު ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ދާއިރާގެ ރައްޔިތުންގެ އިތުރުން އައްޑޫގެ އެކި ރަށްތަކުގެ ރައްޔިތުން ހިމެނެއެވެ.

މަޖްލިސްގެ ރައީސްގެ ކެމްޕެއިން ފޯރިގަދަ ވެފައިވާއިރު ބައެއް ވަޒީރުން މެމްބަރުންނަށް ބިރު ދައްކަމުންދާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ. އެގޮތުން ބައެއް ދާއިރާތަކަށް ސަރުކާރުން މަޝްރޫއުތައް ހިންގައިދޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ކެންޑިޑޭޓު ހަސަން އަފީފަށް ވޯޓު ދެއްވައިގެން ކަމަށް ދެކެވޭ ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

މީގެ އިތުރުން ރައީސް ނަޝީދާއި ރައީސް ސޯލިހުގެ އަރިސް އާއިލީ ބޭފުޅުންވެސް ގެންދަވަނީ އެއް ބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާ ދެއްވަމުންނެވެ.