އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅިގައި ރައްޔިތުންގެ މަޖިލީހުގައި މުހާޠަބު ކުރެއްވުމަށް މަޖްލިސްގެ މެމްބަރުން ތާއިދު ކުރައްވައިފިއެވެ.
އެމްޑީޕީގެ ސުޕަ މެޖީރިޓީ އޮތް 19 ވަނަ މަޖްލިސްގައި ގިނަ މެމްބަރުން ވަނީ މޯދީ ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމަކީ ދިވެހި ރާއްޖެ އަށާއި މަޖްލިސްއަށް ލިބިގެންގެންދާ ފަހުރެއްކަމަށެވެ.
އެގޮތުން އިންޑިއާ އާއި ރާއްޖެ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމުގެ ގޮތުންވެސް މޯދީ މަޖްލިސްގައި ތަގްރީރު ކުރެއްވުމުގެ މުހިއްމުކަން މަޖްލިސް މެމްބަރުން ފާހަގަ ކުރެއްވިއެވެ.
ރައީސް ނަޝީދު މަޖްލިސްގެ ރައީސްގެ ރިޔާސަތު ބަލަހައްޓަމުން ދިޔަ ޖަލްސާގައި މޯދީ ރާއްޖެ ވަޑައިގެން މަޖްލިސްގައި ތަގްރީރު ކުރެއްވުމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރުވެސް ވަނީ ތާއިދު ކުރައްވާފައެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ދެވަނަ ފަހަރަށް އިންތިހާބުވެވަޑައިގެން މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަކީ އަންނަ މަހުގެ 7 ވަނަ ދުވަހު ރާއްޖެ ކުރައްވާ ރަސްމީ ދަތުރުފުޅެވެ. މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔަތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންފައެވެ.