ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިއަދު އުކުޅުވަޅުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ހުކުރު ނަމާދަށްފަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މަޝްހޫރު ކަށީގެ ޚާއްސަ ޑޮކްޓަރު އަލީ މުޒްނީ ވިދާޅުވެއްޖެއެވެ.
މިއީ އުކުޅުވަޅުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް އަތޮޅުތެރޭގައި ކުރެވޭ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މިއީ އަނެއްކާވެސް އެޗްއާރްއެޗްއަށް ތާރީޚީ ދުވަހެކެވެ.
30 މެއި 2019ވަނަ ދުވަހު ވެސް މި ހޮސްޕިޓަލުގައި ދެ މީހެއްގެ ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ވަނީ ކުރެވިފައެވެ. އަދި މިއަދު ހެނދުނު ވެސް ވަނީ އިތުރު މީހެއްގެ ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.
އަތޮޅު ތެރޭގައި ފުރަތަމަ ފަހަރަށް ކުރެވުނު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެވިފައިވަނީ ވެސް އެޗްއާރްއެޗްގައެވެ. އެ އޮޕަރޭޝަން ކުރެވިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އޮޕަރޭޝަނަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ޑރ. މުޒްނީ ދެއްކެވި ވާހަކައިގާ ވަނީ އިތުރު އޮޕަރޭޝަންތަކެއް ކުރިޔަށް އޮތްތަނުގައި މި ހޮސްޕިޓަލުގައި ކުރިޔަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން މިއީ ތިންވަނަ ފަހަރަށް މި ފަދަ އޮޕަރޭޝަންތަކެއް ކުރެވޭ ދުވަހެވެ.
މިއަދުގެ އޮޕަރޭޝަންތަކަށް ފަހު މާދަމާއަށް ވެސް ކަކުލުހުޅު ބަދަލު ކުރުމުގެ ދެ އޮޕަރޭޝަން އެޗްއާރްއެޗްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޑރ. މުޒްނީ ވަނީ ވިދާޅުވެފައެވެ.
ރަށުގައި ތިބެގެން މިފަދަ ޚިދުމަތްތައް ރައްޔިތުންނަށް ލިބުމަކީ މިއީ ވަރަށް ބޮޑު ފަސޭހައެކެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ ޑޮކްޓަރު މުޒްނީގެ ޓީމަށް އައްޑޫގެ ރައްޔިތުން ނުހަނު ޝުކުރުއަދާކުރެއެވެ.