އައްޑޫ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ، ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މިސިޓީގައި 20 މެގަވަޓުގެ ޕަވަރ ގްރިޑެއް ގާއިމް ކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދް ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާދިނުމަށް މި ޕަވަރ ގްރިޑް ގާއިމް ކުރުމަށް ފުރަތަމަ ހަދަން ޖެހޭ ސާވޭ އަންނަ މަހުގެ ތެރޭގައި ހަދާނެ ކަމަށެވެ. އެކަން ކުރާނީ އެކަމަށް ބޭނުންވާ ޚާއްސަ ޓީމެއް އައްޑުއަށް ގޮސްގެން ކަމަށް ސައީދު ވިދާޅުވިއެވެ.
އަދި މި ޕަވަރ ގްރިޑު ގާއިމް ކުރުމަށް ފަހު ހުޅުމީދޫއަށް ކަރަންޓު ދިނުމަށް ސަބްމެރިން ކޭބަލެއް އެއަވަށާ ގުޅާލާނެ ކަމަށް ވެސް ސައީދު ވިދާޅުވެފައިވެއެވެ.
މުޅި ރާއްޖޭގައި އެންމެ ގިނައިން ކަަރަންޓު ކެނޑޭ އެއް ތަނަކަށް ވެފައި އޮންނަނީ އައްޑޫ ސިޓީއެވެ. ސަބަބެއް ކަމަށް ކަމާ ބެހޭ މާހިރުން ބުނަނީ އައްޑޫގެ އާބާދީއާ އެއްވަރު ޖަނެރޭޓަރުތައް މިކޮޅުގައި ގާއިމް ވެފައި ނެތުމެވެ. އައްޑޫ ގައި ބޭނުން ކުރަމުންދާ ޖަނެރޭޓަރުތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ވަރަށް ގިނައިން ކަރަންޓު ކެނޑެއެވެ.